ޚަބަރު
ސިޔާސީ ދައުވާތަކެއް ކޮށްގެން ކިތަންމެ މަސައްކަތެއް ކުރިޔަސް ވޯޓު ކަރުދާހުގައި ނަން އޮންނާނެ
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުން ހުއްޓުވަން "ސިޔާސީ ދައުވާތަކެއް" ކޮށްގެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ އިންތިހާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން އޮންނާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނޮވެމްބަރު 2013 އިން ނޮވެމްބަރު 2018 އަށް ފުރުއްވި ޔާމީން ޕީއެންއެފްގެ ރައީސްގެ މަގާމަށް އިންތިހާބު ކުރީ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގަ އެވެ. އެ ޖަލްސާގައި ދެއްކެވި ވާހަކައިގައި ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދެމުންދާ ކަށަވަރު ބަހަކީ އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެ ކަމުގެ ޔަގީންކަން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެންވެއްޖިއްޔާ އެ ވޯޓު ކަރުދާސް ޗާޕުކުރާނީ ދިވެހިރާއްޖެއަކު ނޫން. ރައީސް ޔާމީންގެ ނަން އިރާދު ކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ،" ތިންވަނަ ފަހަރަށް ރިޔާސީ ރޭހަކަށް ނުކުމެވަޑައިގަންނަވާކަން އިއުލާން ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ކޯޓުގައި އޮތް މައްސަލަތަކަށް ނުފޫޒު ފޯރުވައި ސަރުކާރުން ޖަލަށް ލުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އިރާދުކުރެއްވިއްޔާ މާތް الله އެ ކަމެއް މި މީހުންނަށް މިންވަރެއް ނުކުރައްވާނެ. އަޅުގަނޑު ވަރަށް ޔަގީން އަޅުގަނޑުގެ ކޭސްއާ ދޭތެރޭ،" ޔާމީން ވިދާޅުވި އެވެ.

ވެރިކަން ހިންގުމުގެ މުޅި ނިޒާމު، "ސަރުކާރުގެ މުށުތެރެއަށް" ލާފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށާއި މިނިވަން މުއައްސަސާތަކުގެ އިތުރަށް މީޑިއާތަކަށް ވެސް ޔާމީންގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، ޕީއެންއެފް އުފެދިގެން މި ދިޔައީ، ސިޔާސީ ވެރިން ފެއިލުވެ، ރައްޔިތުންގެ ހައްގުގައި ބަހެއް ބުނަން ވެސް ނުކުޅެދިފައި ތިބި ވަގުތެއްގަ އެވެ.

މިގޮތުން، މީޑިއާތަކަށް ދައުލަތުން ފައިސާދީ، ޑިމޮކްރަސީގެ ހަތަރުވަނަ ބާރު "އަޅުވެތި" ކޮށްފައިވާ ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ.

"މި އުފަންވެގެން މި ދިޔައީ ވަރުގަދަ ޕާޓީއެއް. ސަރުކާރު ޖަވާބުދާރީ ކުރުވައި، އުފަންވެގެން މިދިޔައީ، ރައްޔިތުންގެ މަސްލަހަތު އެންމެ މަތީ ދަރަޖައަކަށް ހިމާޔަތް ކޮށްދޭނެ ޕާޓީއެއް،" ޔާމީން ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ އެއްވެސް މީހެއްގެ ފޮޓޯ ދައްކައިގެން ނޫން ކަމަށާއި އެކަން އެހެންވީ ރައްޔިތުންގެ ތާއީދު އޮތީމަ ކަމަށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު