ޚަބަރު
ޖެނެރޭޝަނަލް ބޭން ފާހަގަކުރުމަށް 24 ގަޑިއިރުގެ ދުވުން ފަށައިފި
ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފާހަގަކުރުމަށް 24 ގަޑިއިރުގެ ދުވުން މިއަދު ފަށައިފި އެވެ.

މި ދުވުން ފެށީ މިއަދު ހަވީރު އެކުވެނި ޓްރެކްގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ. މި އިވެންޓް ފައްޓަވާ ދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މި ދުވުމުގައި ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިވްއެޗްއޯ)ގެ ރެޕްރެޒެންޓޭޓިވް، ކްލަބްތަކާއި، އެކެޑަމީތަކާއި، ސަރުކާރުގެ އެސްއޯއީތަކުން ދަނީ ބައިވެރިވަމުންނެވެ.

ރާއްޖެ އިން ޖެނެރޭޝަނަލް ބޭން އަށް އަމަލުރަން ފެށުން ފާހަގަކުރުމުގެ ދުވުން ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިއުމަތް ކަމަށެވެ. އަދި އެ ނިއުމަތަށް ޝުކުރުވެރިވުމަކީ، އެކަމަށް އިހުމާލު ނުވެ، ރައްކާތެރިވުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ސަލާމަތް ސިއްހަތެއްގައި ހުރުމަކީ ދިރިހުރުމާއި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން އަބަދުވެސް އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

"ނެޝެނަލް ޓޯޗް ރަން"ގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކާ މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާ އަންގައިދީ ހޭލުންތެރިކުރުމަށްޓަކާ ޚާއްސަ އެޑްވޮކަސީ ސްޓޯލްތައް ބަހައްޓާފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު