ޚަބަރު
ސަރުކާރު ބަދަލުވެއްޖެއްޔާ ބީއެމްއެލް ޝަރީފުގެ ފަހަތުން ގާނޫނު ދާނެ: ޔާމީން
ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަަވަނީ
ރައީސް މުއިއްޒުގެ މި ސަރުކާރު ބަދަލުވުމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފްގެ ފަހަތުން ގާނޫނު ދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ބީއެމްއެލްއަކީ އާންމު ރައްޔިތުންގެ ވެސް ހިއްސާ އޮންނަ ތަނަކަށްވާއިރު، އުސޫލުތަކާ ހިލާފަށް އެތަނުގެ ބޯޑަށް ނުގެންގޮސް ކަންކަން ކުރަމުންދިޔުމަކީ ސަރުކާރު ބަދަލުވުމުން ޝަރީފު ފަހަތުން ގާނޫނު ދާނެ ކަމެއް ކަމަށެވެ.

"އެއީ އާންމު ރައްޔިތުންގެ ހިއްސާ އޮންނަ ތަނެއް. ބޯޑަށް ނުގެންގޮސް މިކަންކަން މިކުރަނީ. ބޭންކް އޮފް މޯލްޑިވްސްގައި މިހާރު ހުރި ޝަރީފަށް އެނގެންވާނެ ސަރުކާރު ބަދަލުވެއްޖެއްޔާ އޭނަގެ ފަހަތުން ގާނޫނު ދާނެ. އެކަމެއް ނުކުރެވޭނެ އޭނައަކަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ބީއެމްއެލްއަކީ ސަރުކާރުގެ ފައިނޭންސް ޑިޕާޓްމަންޓެއް ނޫން ކަމަށާއި އެ ބޭންކް މިހާރު އޮތީ ބޮޑެތި ޑިޕޮޒިޓަރުން ފައިސާ ނެރޭ ހިސާބުގައި ކަމަށެވެ.

ޔާމީން ވިދާޅުވީ ސަރުކާރަށް ދަރަންޏަށް އެއްވެސް ތަނަކުން ފައިސާ ނުނެގޭތީ ބީއެމްއެލް މެދުވެރިކޮށް އެކި ގޮތްގޮތުން ފައިސާ ހޯދަމުންދާ ކަމަށާއި ޓްރެޝަރީ ބިލުގެ ދަށުން ޓީ ބިލުތައް ގަންނަން ވެސް އޮތީ ބީއެމްއެލް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބީއެމްއެލް އިން އަންނަނީ ސަރުކާރުގެ ޓީބިލުތަކާއި ބޮންޑުތަކަށް އިންވެސްޓު ކުރުމުގެ އިތުރުން، ސަރުކާރު ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓުތަކާއި ސަރުކާރުން ބޭނުންވެގެން ހިންގާ ޕްރޮޖެކްޓުތަކަށް އަމިއްލަ ކުންފުނިތަކަށް ވެސް ފައިސާ ހަމަޖައްސައިދެމުންނެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި ބީއެމްއެލްގެ ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރަށް ވުރެ މަތިވީ ނަމަވެސް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވާ ކަމަށް އެ ބޭންކުގެ އެންމެ ފަހުގެ ކުއާޓަލީ ރިޕޯޓުން ދައްކަަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު