ޚަބަރު
ބަޖެޓުގައި، ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލެއް ނުހުންނާނެ: ފިނޭންސް މިނިސްޓަރު
ދައުލަތުގެ ބަޖެޓުގައި، ކުރިއަށް އޮތް އަހަރަށް ހިންގަން ރާވާފައިވާ ތަރައްގީގެ ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު ނުހިމަނަނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ޖާގަދޭން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ތަފުސީލުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) އެކުލަވާލި ފަހުން ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނަމުން އައި މައުލޫމާތެވެ. މި ތަފުސީލުތަކުގެ ތެރޭގައި ރަށާއި، ޕްރޮޖެކްޓުގެ ނަމާއި، ބަޖެޓުން ހަރަދުވީ ކަމަށް ނުވަތަ ވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދު ހިމެނެ އެވެ.

ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކުލަވާލި ފުރަތަމަ ބަޖެޓު، އެއީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓު، ގައި ޕީއެސްއައިޕީ ތަފުސީލުތައް ނުހިމަނަ އެވެ. މިއަދާ ހަމައަށް ރައްޔިތުންގެ މަޖިލީހާ ވެސް އެ މައުލޫމާތު ހިއްސާ ނުކުރެ އެވެ. އޮޑިޓު އޮފީހުން ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް އިއްޔެ ދިން މައުލޫމާތުން އެނގުނީ އެ އޮފީހާ ވެސް އެ މައުލޫމާތު ހިއްސާ ނުކުރާ ކަމެވެ.

"ބަޖެޓުގައި ޖަހައި މަޝްރޫއުތައް ތަންފީޒުކުރާ ކަމަށްވަންޏާ އެކަންތައް ކުރެވޭނެ އެންމެ ރަނގަޅު މެކޭނިޒަމްކަމެއް ގާއިމުކުރެވިފައި މި ވަނީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން، ރަށަކަށް ބޭނުންވާ ދާއިރާއަކުން އެންމެ ބޭނުންވާ މަޝްރޫއު ހިންގުމުގެ ޖާގަ ވަނީ ލިބިފަ އެވެ.

ފިނޭންސުން މިހާރު ގެންގުޅޭ ފޯމިއުލާގެ ދަށުން، ބަޖެޓުގައި ނެތަސް ޕީއެސްއައިޕީގެ ދަށުން އޮތް ޖުމުލު އަދަދުގެ ތެރެއިން، ބަޖެޓު ކުރިއަށް ގެންދެވެ އެވެ. ވަޒީރު އެހެން ވިދާޅުވުމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ.

މި އަހަރަށް ވެސް ޕީއެސްއައިޕީއަށް 12 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހެޅި އެވެ. ނަމަވެސް މި ބަޖެޓުން ކުރަމުންދާ ހަރަދު ފިނޭންސުގެ ރިޕޯޓުތަކުން ފެނުމުގެ އިތުރަށް، އެ ބަޖެޓު ބޭނުންކުރާ ގޮތެއް ނޭނގެ އެވެ

ބަޖެޓު 2026

  • ޖުމްލަ ބަޖެޓު - 64 ބިލިއަން ރުފިޔާ

  • ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ - ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތްގޮތަށް 8.7 ބިލިއަން ރުފިޔާ

  • ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ

  • ޖުމްލަ އާމްދަނީ (ހިލޭ އެހީއާ އެކު) - 40.4 ބިލިއަން ރުފިޔާ

  • ހަރަދުވާނެ ކަމަށް ލަފާކުރަނީ - 49.2 ބިލިއަން ރުފިޔާ

  • ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެ

  • ބަޖެޓުގެ %62 ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށް؛ އެއީ 39.9 ބިލިއަން ރުފިޔާ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު