ޚަބަރު
ސުޕްރީމް ކޯޓާއި ސައުދީގެ ޖަސްޓިސް މިނިސްޓްރީއާ ދެމެދު އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއް
ޝަރުއީ ދާއިރާ ކުރިއަރުވައި އެއްބާރުލުން ދިނުމަށް ސައުދީ އަރަބިއްޔާއާ އެކު ރާއްޖޭން މިއަދު ސޮއިކޮށްފި އެވެ.

ސައުދީގެ ޖަސްޓިސް މިނިސްޓްރީ އާއި ރާއްޖޭގެ ސުޕްރީމް ކޯޓާ ދެމެދު އެމްއޯޔޫއެއްގައި މި ސޮއި ކުރީ، އެ ގައުމުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޖުޑީޝަލް ކޮންފަރެންސްގެ ހަވާސާގަ އެވެ.

މިއީ ރާއްޖޭން، އަރަބި އިސްލާމީ ގައުމެއްގެ ޝަރުއީ ދާއިރާއާއެކުވި މި ފަދަ ފުރަތަމަ އެއްބަސްވުމެވެ.

މި އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ. ސައުދީ އަރަބިއްޔާއިން ސޮއިކުރެއްވީ އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ޑރ. ވާލިދު އަލް ސަމާނީ އެވެ.

މި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ދީގެން ކުރިއެރުވުމަށް މަސައްކަތް ކުރާ ދާއިރާތަކަކީ:

– ޝަރުޢީ ނިޒާމުތަކާއި ގުޅުންހުރި ގާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާކުރުން

– ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޕްރޮފެޝަނަލް ގާބިލުކަމާއި ހުނަރުތައް ތަރައްގީކޮށް ކުރިއެރުވުން

– ޝަރުއީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާކުރުން

– ދާއިރާއާގުޅޭ މައުލޫމާތާއި، ތަޖުރިބާ އަދި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާގުޅޭ މައުލޫމާތު ބަދަލުކުރުން

– ތަޖުރިބާކާރުންނާއި ފަންނީ މާހިރުންގެ ދެމެދުގައި ޒިޔާރަތްތައް ބަދަލުކުރުމާއި އެ ފަރާތްތަކުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރުން

– އިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި، ސެމިނަރތަކާއި މަޝްވަރާ ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން

މިއީ ރާއްޖޭގެ ޖުޑިޝަރީން އަރަބި އިސްލާމީ ގައުމެއްގެ ޖުޑިޝަރީއާ ދެމެދު ސޮއި ކުރެވުނު ފުރަތަމަ އެއްބަސްވުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު