ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ މަރުކަޒުގައި ދިރިއުޅޭ ކުދިންތަކެއް އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން ފުލުހުން މައްސަލަ ބަލަމުންދާ ކަމަށް ވެސް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ތިން ކުއްޖަކު ހާފްވޭހައުސްގެ ފާރުމަތީ ތިބެ ހުތުރު ބަހުން ވާހަކަ ދައްކައި ހުތުރު އިޝާރާތްތައް ކުރާތީ ފެނެ އެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ މީހުންނާއި ފުލުހުން އެ ހިސާބުގައި އުޅެ އެވެ. އަނިޔާވެފައި އޮތް މީހާ ނަގައިގެން ގެންދާ ވީޑިއޯއިން ބެލެވޭ ގޮތުގައި އެ މީހާ އޮތީ ހޭނެތިފަ އެވެ. އަނިޔާވީ އުމުރުން 30 އަހަރުގެ މީހަކަށް ކަމަށާއި އޭނަގެ ހާލު ސީރިއަސް ކަމަށް އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ އެރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ. އަނިޔާވި މީހާ އިތުރު ފަރުވާއަށް މިހާރު ވަނީ އެ އަތޮޅު ދިއްދޫ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކުށުގެ ވެށިންނާއި އެކި ނުރައްކާތަކަށް ހުށަހެޅިފައިވާ ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ރިހިބިލިޓޭޓްކުރުމަށް ފަހު އަނބުރާ މުޖުތަމައަށް ނެރުމަށް ހާއްސަކޮށްފައިވާ މަރުކަޒެކެވެ. އެތަން ހުޅުވީ މިދިޔަ އަހަރު އެވެ.