ޚަބަރު
ކައުންސިލަރުންގެ އަދަދު މަދު ކުރާ އިސްލާހު ތަސްދީގުކޮށްފި
ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައި މިދިޔަ ހަފްތާގައި ފާސް ކުރި އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބަދަލުތައް ގެނައުމަށްޓަކައި ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ހުރިހާ ބިލުތަކެއް މުއިއްޒު ވަނީ މިއަދު ތަސްދީގުކޮށްފަ އެވެ.

އަތޮޅު ކައުންސިލް އުފެއްދުމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައި އޮތް ބާރު މިވަގުތުން ފެށިގެން އުނިވީ އެވެ. އެހެންކަމުން ދެން އަތޮޅު ކައުންސިލެއް ވުޖޫދެއް ނުކުރެވޭނެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގައިވާ ގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. ކުރިން ވެސް އޮތް ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބިލު މިއަދުގެ ވަގުތެއްގައި ރައީސް މުއިއްޒު ވަނީ ތަސްދީގު ކުރައްވާފަ އެވެ. 

ބިލު ތަސްދީގު ކުރެއްވުމާ އެކު ބިލުން އަންނަ އިސްލާހުތައް ލާމަރުކަޒީ ގާނޫނުގައި މިހާރު ހިމެނުނީ އެވެ. އަދި މިއަދުން ފެށިގެން އެ ބަދަލުތަކަށް އަމަލު ކުރަން ފެށުނީ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު