ޚަބަރު
އަނިޔާގެ ކުރިމަތީ އެމްޑީޕީގެ މެންބަރުން ބޯ ގުދެއް ނުކުރާނެ: ރައޫފް
އަނިޔާގެ ކުރިމަތީ އެމްޑީޕީގެ މެންބަރުން ބޯ ގުދު ނުކުރާނެ ކަމަށް ހއ. ހޯރަފުށީ ކައުންސިލަރު އަހުމަދު ރައޫފް ވިދާޅުވެއްޖެ އެވެ.

ރައޫފް މިހެން ވިދާޅުވީ ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް ހުއްދަ ދީގެން ލޯކަލް ގަވަމަންޓު އޮތޯރިޓީއިން މައްސަލަތަކެއް ބެލުމަށް ފަހު ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަސްޕެންޑުކުރުމުން ނެވެ. 

އެކަމާއި ކަންބޮޑުވުން ފާޅުކޮށް ރައޫފް ވިދާޅުވީ ވަހީދުގެ ސަސްޕެންޑް ކުރުމަކީ ސިޔާސީ ވަކި މަގްސަދެއް ހާސިލް ކުރުމަށްޓަކައި ކުރި ކަމެއް ކަމަށާއި ބޭއިންސާފާއި އަނިޔާގެ ކުރިމަތީ އެމްޑީޕީގެ މެންބަރުން ބޯ ގުދު ނުކުރާނެ ކަމަށެވެ. ރައޫފް ވަނީ ވަހީދުގެ ސަސްޕެންޝަން އުވާލުމަށް ގޮވާލާފަ އެވެ.

ވަހީދު ސަސްޕެންޑް ކުރުމުން އެ ކައުންސިލްގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން މިއަދު ވަނީ އިހްތިޖާޖް ކޮށްފަ އެވެ.

ވަހީދު ސަސްޕެންޑްކޮށް އެލްޖީއޭއިން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ބައެއް މާއްދާތަކާއި ކައުންސިލްގެ ރައީސް ހިލާފުވެފައިވާ ކަމަށާއި، ސުލޫކީ މިންގަނޑާއި ހިލާފަށް ހޯރަފުށީ ކައުންސިލްގެ މެމްބަރުންގެ އަމަލުތައް ބަހައްޓާފަައިވާ ކަމަށެވެ. އެކަމުގެ ގެއްލުން ކައުންސިލާއި ލާމަރުކަޒީ ނިޒާމަށް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، އިންކުއަރީ އެލްޖީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން އެ ރިޕޯޓުގައި ލަފާދީފައިވާ ގޮތަށް ކަންކަން ކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖޭއޭން މިއަދު ވަނީ ނިންމާފަ އެވެ.

އެލްޖީއޭއިން ބެލި ކަމަށް ބުނާ މައްސަލަތައް

  • ތިލަ އުތުރު އަންހެނުންގެ ވޮލީ މުބާރާތް 2025 ބޭއްވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފާށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ޚަރަދުކޮށްފައިވާ މައްސަލަ،
  • ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ރަށުގެ ގޯތިތަކާއި އިންވެގެން އޮންނަ ހުސް ބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވާ މައްސަލަ،
  • މާލިއްޔަތު ގަވާއިދާ ހިލާފަށް 2023 ވަނަ އަހަރު ހޯރަފުށީ ކައުންސިލުން ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލަ،
  • 1446 ވަނަ އަހަރު ބޮޑު އީދު ކުޅިވަރާއި، ސްޓޭޖު ލައިޓް އަދި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ހަރަދު ކޮށްފައިވާ މައްސަލަ،
  • ހޯރަފުށީ ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމެޓީގައި ތިބޭކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ،
  • އާރުޓީއައި ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ހޯރަފުށީ ކައުންސިލުން ފޯރުކޮށް ނުދޭ މައްސަލަ.
  • 1446 ވަނަ އަހަރުގެ ބޮޑު އީދަށް ރަށުތެރެ ދިއްލާ ޒީނަތްތެރިކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓްކޮށްގެން ގިނަ ޢަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ޤާނޫނާއި ގަވާއިދާއި ހިލާފަށް ދޫކޮށްފައިވާކަމާއި އަދި އެތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލަ.
އެލްޖީއޭއިން ވަހީދު ސަސްޕެންޑް ކުރިންކަން ވަހީދު ވެސް ވަނީ" ހޯރަ" އަށް ކަށަވަރު ކޮށްދީފަ އެވެ. 

ސަރުކާރުން ކޮންޓްރޯލް ކުރާ އެލްޖީއޭއިން ވަހީދު ސަސްޕެންޑް ކުރިއިރު ވަހީދު ގެންދަވަނީ ސަރުކާރުގެ ސިޔާސަތު ތަކަށާއި ހޯރަފުށީގެ ތަރައްގީ "ހުއްޓި" ފައި އޮތުމުން އެކަމަށް ފާޑުވިދާޅުވަމުން ނެވެ.

ކައުންސިލްގެ ރައީސް ހިމެނޭހެން ހޯރަފުށީ ކައުންސިލުގައި ތިބެނީ 7 މެމްބަރުންނެވެ. މިއީ އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. 

މި ސަރުކާރުން އަންނަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ކައުންސިލަރުން ދަނީ ސަސްޕެންޑު ވެސް ކުރަމުންނެވެ 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު