ޚަބަރު
21 ރުފިޔާއަށް ޑޮލަރެއް ލިބެން ހުރުމަކީ، ކަންބޮޑުވުމެއް: ޔާމީން
ރީސެޓް ޖަލްސާގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: ޕީއެންއެފް
21 ރުފިޔާއަށް ޑޮލަރެއް ގަންނަން ލިބެން ހުރުމަކީ، ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ. މިއަދު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ އެ ރޭޓަށްވުރެ 5.78ރ. ބޮޑުކޮށެވެ. މިއީ އެތައް ބަޔަކަށް ހައިރާންކަން ގެނުވި އަގެކެވެ. ސްކޫލް ބަންދާއި ހައްޖު މޫސުން ކަހަލަ ދުވަސްވަރު ދިވެހިން ޖެހެނީ ޑޮލަރު ފަހާ ދުވާށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަދިއަދަށް ވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ.

މިދިޔަ އޭޕްރީލް މަހު ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު، އެމެރިކާ ޑޮލަރެއްގެ އަގު އަންނަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.  

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިން ރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ރީސެޓް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޑޮލަރު ރޭޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން 21 ރުފިޔާއަށް ޑޮލަރެއް ގަންނަން ލިބެން ހުރުމަކީ، ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ. އަދި މި ކަންކަމަށް ބަލާއިރު، ރާއްޖެއަށް ދަރަނި ދޭނެ ބަޔަކު ވެސް ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. 

އެހެންކަމުން ދެން ސަރުކާރަށް މަޖުބޫރުވަނީ ރާއްޖޭން ދަރަނި ނަގަން ކަމަށާއި، އެހެން ބަލައިނަމަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސަރުކާރަށް ބޮޑު ދަރަންޏެއް މިއަދު ދީފައިވާ ކަމަށެވެ. އޭގެ ސަބަބުން އަމިއްލަ އެއްވެސް ވިޔަފާރިއަކަށް އެ ބޭންކުން ލޯނު ދޭން ފައިސާއެއް ނޯންނާނެކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ނަތީޖާއަކަށް ވާނީ އެ ކުންފުނިތަކުގެ މަސައްކަތް ދަށްވެ އިގްތިޞާދު ހީނަރުވުން ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު