ޚަބަރު
ފެނަކަ ސައީދުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 4 އަހަރުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި ދުވަސްވަރު ހިންގެވި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާ 4 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ސެޕްޓެމްބަރު 2025 ގައި އެވެ.

ކޯޓުން ހުކުމްކުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ އެކު 2019ގައި ހެދި އެއްބަސްވުމެއްގެ ދަށުން ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލައެއްގައި ކުރި ދައުވާއަކަށެވެ.

މި މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ.

ފެނަކައަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާއިން ގެއްލުންވި ކަމަށް ދައުލަތުން ތުހުމަތުކުރާ މި މައްސާލަގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ސައީދުގެ މައްޗަށް ހުކުމްކުރީ 4 އަހަރަށް ޖަލަށް ލުމަށެވެ.

ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަސް ނަމަވެސް ކުށުގެ ދަރަޖަތައް އިތުރުކޮށް ކޯޓުން ވަނީ އަދަބު 4 އަހަރަށް މަތިކޮށްފަ އެވެ.

ދީނާގެ ބައި ކްރިމިނަލް ކޯޓުގެ އެހެން ގަޒިއްޔާއަކުން ބެލުމަށް ވެސް ކުރިމިނަލް ކޯޓުން މިއަދު ނިންމި އެވެ.

ސައީދުގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ދައުވާކޮށް ޝަރީއަތް ފަށާފައިވެ އެވެ. އަދި އިތުރު މައްސަލަތަކެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ތަހުގީގުކުރަމުންނެވެ.

4 އަހަރުގެ ޖަލުހުކުން ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، ހައިކޯޓަށް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު