ޚަބަރު
ތިލަމާލެ ބުރިޖު އަވަސްކުރަން އިންޑިއާއާ އެކު އެބަ މަޝްވަރާކުރަން: މުއްތަލިބު
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ ސަރުކާރުން އެދޭ ވަރަށް ވުރެ މާ ލަސްކޮށް ކަމަށާއި އެ މަަސައްކަތް އަވަސްކުރަން ކޮންޓްރެކްޓަރާއި އިންޑިއާގެ ސަރުކާރާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބުރިޖުގެ 67.35 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. ބުރިޖުގެ މަސައްކަތް މިހާރު ދާ ދުވެލީގައި ކަނޑައަޅާފައިވާ ތާރީޚަށް ނުނިންމިދާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރުކުރެއްވިއެވެ.

"ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާ އެއްކޮށް އެބަ މަސައްކަތްކުރަން އަޅުގަނޑުމެންނަށް މަސައްކަތް އަވަސްކުރެވޭނީ ކިހިނެއްތޯ، މީގަ އެބަހުރި އަޅުުގަނޑުމެންނަށް އެބަ އެނގޭ ކުރިން 30 މަސްދުވަހުގެ އެކްސްޓެންޝަންއެއް ދީފައި އޮތްކަން ކޮންޓްރެކްޓަރަށް އިތުރު ފައިސާއެއް ނުލިބޭގޮތަށް، އެހެން ނަމަވެސް ކޮންޓްރެކްޓަރު މިހާރު އެ 30 މަސްދުވަހާ ގުޅިގެން އެބަ ވިދާޅުވޭ ކޭޝްފްލޯގެ ދަތިކަމެއް ހުރި ވާހަކަ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތުރު ފައިސާ ނުލިބޭ ގޮތަށް މަަސައްކަތުގެ މުއްދަތަށް 30 މަސްދުވަސް އިތުރުކޮށްދޭން ކުރިން ނިންމާފައިވާ ނިންމުމުގެ ސަބަބުން ދަތިވާ ކަމަށް އެފްކޮންސް ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތަށް އޮތުމުން ކުންފުންޏަށް ކޭޝްފްލޯގެ ދަތިކަން އަންނަ ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތް ލަސްވިޔަސް، ކޮންޓްރެކްޓް ބާތިލުކޮށް، އެހެން ބަޔަކާ ހަވާލުކުރަން އުޅުމަކީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެގޮތަށް ކަންތައް ކުރަން އުޅެފި ނަމަ ކޮންޓްރެކްޓަރު އާބިޓްރޭޝަނަށް ދިއުމާއި ޕްރޮޖެކްޓް ހުއްޓުން ފަދަ ކަންތައްތައް ދިމާވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބްރިޖް ނިންމަން މިހާރު ދީފައި އޮތް މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 2026 އަށެވެ.

ތިލަމާލެ ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު