ޚަބަރު
ތިލަމާލެ ބްރިޖުގައި ބެންޑެއް ހުރި ކަމަށް ބުނެ އުފައްދާ ސުވާލު؟!
މަޝްރޫއު ދިގުލައިގެން ދިޔަ ނަމަވެސް، މި ބްރިޖުގެ ކޮލިޓީއާ މެދު މިނިސްޓަރަށް އެއްވެސް ޝައްކެއް ނެތް
ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހަރަދުވާ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ކޮލިޓީއާ މެދު ބައެއް މީހުން ސޯޝަލް މީޑިއާގައި އަންނަނީ ސުވާލު ކުރަމުން ނެވެ. އެމީހުން ބުނަނީ މި ބްރިޖުގައި ބެންޑެއް ނުވަތަ އަޑިގުޑަންތަކެއް ހުރި ކަމަށެވެ.

ނަމަވެސް މި ފަދަ ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، ބްރިޖުގެ މަސައްކަތް ކުރަނީ އެންމެ މަތީ ފެންވަރުގެ މަސައްކަތް ކަމަށް އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސްއިން ވަނީ ބުނެފަ އެވެ. އަދި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވެސް އިއްޔެ ވަނީ މި ބްރިޖާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ބައެއްް މީހުން އުފައްދާ ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ. 

"މިއީ ކުރަހާފައި އޮތް ބްރިޖެއް ނޫނޭ، މިއީ ޑިޒައިންކޮށްފައި، އިންޖީނިއާކޮށްފައި އޮތް ޕްރޮޖެކްޓެކޭ. މާނައަކީ ދުރުން ފެންނަ ގޮތަކަށް ނޫނޭ ކޮންމެހެން ހުންނަން ޖެހޭނީއަކީ. އެ ބުނާ ކަހަލަ ޑިޕެއް ނުހުންނާނެ. މިއީ ލެގޯއެއް ގޮތަށް ވަކިވަކި ބައިތަކެއް ގެނެސް ގުޅުވާ ސްޓްރަކްޗާއަކަށް ވާތީވެ، އެ ބުނާ ކަހަލަ ޑިފެކްޓް ހުރި ނަމަ ހުރިހާ ސެގްމަންޓެއް އެއްވަރު ވެގެނެއް ނުއެއް ދާނެ،" މުއްތަލިބް ވިދާޅުވި އެވެ. 

މަސައްކަތުގެ ބޮޑުކަމުން މަޝްރޫއު ދިގުލައިގެން ދިޔަ ނަމަވެސް، މި ބްރިޖުގެ ކޮލިޓީއާ މެދު މިނިސްޓަރަށް އެއްވެސް ޝައްކެއް ނެތެވެ. 

"އެހެންވީމަ، މިއީ ކޮލިޓީގެ މައްސަލައެއް ނޫނޭ. އަޅުގަނޑުމެންނަށް ފެންނަނީ ދުރުން، އެއީ އިލޫޝަނެއް. މަސައްކަތް ދަނީ ބްރިޖުގައި އެ ބުނާ ބެންޑުތަކެއް ހުރެގެނެއް ނޫން،" މުއްތަލިބް ވިދާޅުވި އެވެ. 

"އިދާރަކުރެއްވިއްޔާ ބްރިޖު ނިމިގެންދާއިރު މި ބްރިޖު ވާނީ އިންޖީނިއަރިން މާވެލްއަކަށް. މިއީ އެ ވަރުގެ ބުރަ، ބޮޑު މަސައްކަތެއް." 

ޖުމްލަ ހަތް ކިލޯމީޓަރެއްހައި ދިގުމިނަށް ދެމިގެން ދާނެ މި ބްރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭނެ ބޮޑު، މުހިންމު ބްރިޖެކެވެ. މި ބްރިޖުގައި ކޮޅަކަށް ދެ ލޭނު ހުންނައިރު، އެއް ކޮޅުގައި ހިނގާ މީހުންނަށް ޖާގައެއް އޮންނައިރު، އަނެއް ކޮޅުގައި ކަރަންޓު، ފެން ފަދަ ކަންކަމަށް ހާއްސަ ހޮޅި ބަހައްޓަން ޖާގަހުރެ އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު