ޚަބަރު
ޝަރީއަތް ނިމެންދެން ސަނީ ބަންދުކޮށްފައި ބަހައްޓަން އަމުރުކޮށްފި
ސަނީ އުމަރު،
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ, ގ. މާވަނި، ޙުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއަކާއި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރީ މީގެ މަސް ދުވަސް ކުރިންނެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން، ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ ނިޔަލަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ސަނީގެ ބަންދުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ. އެއާއެކު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފަ އެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ބައެއް މީޑިއާތަކުގައި ތުހުމަތުކޮށްފައިވާ ގޮތުން ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެ މީޑިއާތަކުގައި ވެއެވެ.

ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ސަނީ ނިސްބަތްވާ ޓްރެވަލް ގާއިސް ކުންފުނިން ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި، ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ދިނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު