
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ސުކޫލުތަކަށް ފޮނުވާ ފޮތްތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިން ކުރީ، އަރަބިއްޔާ ސުކޫލުގައި ކަމަށެވެ. ނަމަވެސް، މިހާރު އަމީނިއްޔާ ސުކޫލަށް ފޮތްތައް ބަދަލުކޮށްފައިވާ ކަމަށާއި ޖާގައިގެ ގޮތުން ގޮންޖެހުންތައް އެބަ ހުރި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.އޭގެ އިތުރުން، ބޮޑުތަކުރުފާނު މަގު ފުޅާކޮށް، މާރުކޭޓު ސަރަހައްދުގައި މަސައްކަތްތައް ކުރާތީ، ބޯޓުތަކަށް ފޮތްތައް ފޯރުކޮށްދިނުމުގައި ދަތިތައް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.އެހެން ނަމަވެސް ސުކޫލުތައް ހުޅުވުމުގެ ކުރިން، ފޮތްތައް ހަވާލުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.ޕީއެސްއެމްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، 60 އިންސައްތަ ރަށްތަކަށް މިހާރު ފޮތްތައް ވަނީ ފޮނުވާފައެވެ. އަދި، މާލޭގެ ގިނަ ސުކޫލުތަކުގައި ފޮތްތައް ބެހުމުގެ މަސައްކަތް ވަނީ ފަށާފައެވެ.ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.