
އަތޮޅުތަކުގެ ރަށްތަކުން ގްރޭޑު 1 އަށް 3042 ދަރިވަރުން ވަނުމަށް އެދިފައިވާއިރު މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އަށް ވަނުމަށް 1748 ދަރިވަރުންވަނީ އެދިފަ އެވެ. މިއަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވާއިރު މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދިފައިވާ 836 ދަރިވަރުންވެސް ބަދަލުކޮށްދެއްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.އަންގާރަ ދުވަހު ފަށާ ދިރާސީ އައު އަހަރަށް ހުޅުމާލޭގެ ފޭސް 2 ގެ ޝަހީދު އަލީ ސްކޫލް ހުޅުވައި ކިޔަވައިދިނުމަށް ތައްޔާރުވަމުންދާއިރު، އެ ސްކޫލަށް ކޮންމެ ދުވަހަކު 20 ވަރަކަށް ކުދިން ވަންނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.ހުޅުމާލޭގެ ޝަހީދު އަލީ ސްކޫލަކީ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އަކާ ހިސާބަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުގައި 2،500 އެއްހާ ޖާގަ ހުރެ އެވެ.ސްކޫލްތަކުގެ ކުދިންގެ އާބާދީއަށް އަންނަ ބަދަލުތަކަށް ބަލައިގެން ވަކިން ޚާއްސަކޮށް މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އޮންނަ ޑިމާންޑު އިތުރުވަމުންދާތީ މާލެ ސަރަޙައްދުގައި އިތުރު ސްކޫލްތައް ހުޅުވުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ. އޭގެތެރޭގައި މިއަހަރުގެ ސްކޫލްގެ ކިޔެވުން ފެށޭއިރު އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލަށް ވަނުމަށް އެދި މިހަތަނަށް 1900 އެއްހާ ދަރިވަރުން ހުށައަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.ކޮންމެ އަހަރެއްގެ ދިރާސީ އަހަރަށް އަތޮޅުތެރެއިން މާލެ ސިޓީގެ އެކި ރަށްތަކަށް ގިނަ އަދަދެއްގެ ދަރިވަރުން ބަދަލުވެ އެވެ. ނަމަވެސް މި އަހަރު އަތޮޅުތެރެއިން މާލެއަށްވުރެ ގިނައިން ހުޅުމާލެއަށް ދަރިވަރުން ބަދަލުވީ ގެދޮރުވެރިޔާގެ ދަށުން ފްލެޓްތައް ދޫކުރުމުން ކަމަށް ބެލެވެ އެވެ.