ސަން ސިޔާމް ގްރޫޕުގެ ވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
ރިސޯޓުތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ ހުރެ، ސަން ސިޔާމް ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށްދޭ ސާވިސް ޗާޖު މި ޖެނުއަރީން ފެށިގެން ރުފިޔާއިން ދޭން އެ ކުންފުނިން ނިންމައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވި، އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯގައި ބުނެފައިވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނާ އެކު ގެނައި ބަދަލުތަކާ އެކު ކުންފުނީގެ އާމްދަނީގެ ބައެއް މާރުކުރަންޖެހޭތީ ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ހައްލުކޮށްދޭން އިދާރާތަކާ އެކު އެކި ފަހަރު މަތިން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް އެކަމުގައި ހައްލެއް ލިބިފައިނުވާ ކަމަށާއި މިއަދާ ހަމައަށް ވެސް އެ ކުންފުނިން މުވައްޒަފުންނަށް ޑޮލަރުން ސާވިސް ޗާޖް ދެމުން ދިޔައީ ޑޮލަރުން ކަމަށް ބުނެފައިވެ އެވެ. އެކަމަކު ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ކުރިމަތިވި މާލީ ގޮންޖެހުންތަކާ އެކު މުވައްޒަފުންނަށް ސާވިސް ޗާޖު ޑޮލަރުން ދޭން ދަތިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެހެންވެ މި މަހުން ފެށިގެން، އެ ކުންފުނީގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފުންނަށް ސާވިސް ޗާޖު ދޭނީ ދިވެހި ރުފިޔާއިން ކަމަށް އެ ކުންފުނީގެ މެމޯގައި ބުނެފައިވެ އެވެ. އަދި މިހާތަނަށް ދިވެހި ރުފިޔާ އެކައުންޓު ނުހުޅުވާ މުވައްޒަފުން ވެސް ވީ އެންމެ އަވަހަށް އެކައުންޓް ހުޅުވައި ބޭންކްގެ މައުލޫމާތުތައް އެޗްއާރާ ހިއްސާކުރުމަށް އެދިފައިވެ އެވެ.އެ ކުންފުނީ ދަށުން ހިންގާ ރިސޯޓުތަކުގައި ގާތްގަނޑަކަށް 2،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ސަން ސިޔާމް ކުންފުނިން ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމި އިރު ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑު ދިވެހި ކުންފުނި، ކްރައުން އެންޑް ޗަމްޕާ ކޮމްޕެނީގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ މިމަހު ވަނީ ނިންމާފަ އެވެ.