ޚަބަރު
ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަށް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯކުރަނީ
ގައިވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ސައިކަލުތަކެއް ޓޯކުރުމުގެ މަސައްކަތް ފުލުހުން ކުރަނީ
މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ރަޖިސްޓަރީ ނުކޮށް މަގުތަކުގައި ބަހައްޓާފައިވާ އަދި އެހެން ޒޯނުތަކަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތައް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯކުރަން ފުލުހުން ނިންމައިފި އެވެ. 

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ އިތުރުން ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ވެސް ޓޯކުރާނެ ކަމަށެވެ.

އެއާ އެކު، މާލޭގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި އެފަދަ އުޅަނދުތައް އަންނަ އާދީއްތަ ދުވަހުގެ ރޭގަނޑު 11:30ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އަންގައިފަ އެވެ.

"އެ ތާރީހުގެ ފަހުން ބަޔާންކުރެވިފައިވާ ގޮތަށް ބެހެއްޓިފައިހުރި އުޅަނދުތައް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ތަނަކަށް ގެންދެވޭނެ އެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިގޮތަށް ގެންދާ އުޅަނދުތައް ގެންދާ ގެންދިއުމުގައާއި ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް މި ހިދުމަތުގެ ފަރާތުން ޒިންމާނުވާނެ ވާހަކަ ދަންނަވަމެވެ."

އުޅަނދުތައް ޓޯ ކުރުމަށް ފަހު ބަހައްޓާފައި ހުންނަ ތަނަކުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުންނެވެ.

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ފުލުހުން ދޭތެރެދޭތެރެއިން ނެގި ނަމަވެސް އެކަށީގެންވާ ހައްލެއް ނާދެ އެވެ. ހާއްސަކޮށް ރަޖިސްޓަރީ ނުކޮށް، ސަތަރި އަޅާފައި ބަހައްޓާފައިވާ ބައެއް އުޅަނދުތަކާ ހެދި އެތައް ބަޔަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު