ޚަބަރު
ޓެކްސީލައިންގެ ހިދުމަތް ރޯދަ މަސް ނިމުމުގެ ކުރިން ފަށަނީ
ސަރުކާރުގެ ޓެކްސީ ލައިންގެ ކާރުތައް ހުންނާނެ ގޮތުގެ ކުރެހުމެއް -- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ކުޑައީދުގެ ކުރިން މި މަހުގެ 18 ވަނަ ދުވަހު ފެށުމަށް ތައްޔަރީތައް ފަށައިފި އެވެ. 

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށޭނެ ކަމަށް ބުނެ މިނިސްޓަރު އަމީން އެންމެ ފުރަތަމަ ދެއްވި ތާރީހަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާ އެވެ. އެއަށްފަހު މިނިސްޓަރު ވަނީ އެ އަހަރުގެ ޖޫން މަހު، ޓެކްސީ ލައިންގެ ހިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މިނިސްޓަރު ދެއްވި ދެ މުއްދަތުގައި ވެސް ޓެކްސީ ލައިންގެ ހިދުމަތް ފެށިފައެއް ނުވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ޓެކްސީ ލައިންގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ދެ ބެޗަކަށް ބަހާލައިގެން ކަމަށެވެ.

"އަޅުގަނޑަށް އެމްޓީސީސީން ލިބިފައިވާ މައުލޫމާތަކީ މިމަހުގެ 11 ވަނަ ދުވަހު އެއްބެޗު މާލެ އަންނާނެ. ދެވަނަ ބެޗު އަންނަނީ ޗައިނާއިން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މި މަހުގެ 18 ވަނަ ދުވަހު ލިމިޓެޑް ސާވިސްތަކާއެކު ހިދުމަތް އިފްތިތާހުކުރުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އަމީން ފާހަގަކުރެއްވި އެވެ.

ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 150 ކާރާއެކު މި ހިދުމަތް ކުރިއަށް ގެންދިއުމަށެވެ. މިކަމަށް ބޭނުންވާ 407 ޑްރައިވަރުން ހޯދުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ ފަށާފަ އެވެ. މީގެ ތެރޭގައި 285 ފުލްޓައިމް ޑްރައިވަރުންނާއި 122 ޕާޓްޓައިމް ޑްރައިވަރުން ހިމެނެ އެވެ. ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ވަކި މިންގަނޑުތަކެއްގެ ތެރެއިން މަރުޙަލާތަކަކަށް ބަހާލައިގެންނެވެ.

ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ.

އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގައި ހިދުމަތް ފަށާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު