ވިޔަފާރި
ޓެކްސީގެ އަގުތަކަށް ބަދަލު ގެންނަން ގޮވާލައިފި
ތެލުގެ އަގު އުފުލުމާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ސަރުކާރަށް ގޮވާލައިފި އެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އިގުތިސާދީ ގޮތުން އެތައް ދަތިތަކެއް ކުރިމަތިވެފައިވާ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. އެގޮތުން ތެލުގެ އަގާއި ދިރިއުޅުމުގެ އާންމު ހަރަދުތައް އުފުލެމުންދާ އިރު ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ވަކި މިންގަނޑެއްގައި ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި މި ހިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ލުއި ފަސޭހަކޮށް ދިނުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ވޭތުވެދިޔަ ދިގު މާޒީގައި އަޅާފައި ނުވާ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ

"ހުރިހާ މާލީ ބުރައެއް ހަމައެކަނި ޑްރައިވަރުން އުފުލަން ޖެހުމަކީ އިންސާފެއް ކަމަށް މި ޖަމިއްޔާއިން ގަބޫލެއް ނުކުރަން،" ޑްރައިވާސް އެސޯސިއޭޝަނުން ބުންޏެވެ.

ޑްރައިވާސް އެސޯސިއޭޝަނުން ބުނީ ތެލާއި ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމުގައި އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.

ތެލުގެ އަގު އުފުލުމާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތައް މުރާޖައާކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ ޑްރައިވާސް އެސޯސިއޭޝަނުން ބުނީ މިކަމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެ ޖަމިއްޔާއިން ރަސްމީކޮށް އެދިފައިވާ ކަމަށެވެ.

ތެލުގެ އަގު ބޮޑުވަމުން މި އަންނަނީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށް ދުނިޔޭގެ ސަޕްލައިގެ ބޮޑު ބައެއް ހުއްޓިފައި އޮތުމުންނެވެ. އެމެރިކާއިން އަރަބި ގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން އިރާނަށް ހަމަލާ ދޭތީ އިރާނުން އެ ގައުމުތަކަށް ދޭ ރައްދު ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ތެޔޮ އުފައްދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު