މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ހިއްސާގެ ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ނިންމާފައިވަނީ އެ ބޭންކުގެ 2025 ވަނަ އަހަރުގެ އޮޑިޓެޑް ފައިނޭންޝަލް ރިޕޯޓްތައް ފާސްކުރުމަށް ބޯޑު މެންބަރުންގެ މެދުގައި އިއްޔެ ބޭއްވި ޖަލްސާގަ އެވެ.މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 26 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި އަހަރު، ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ 5.41ރ. ޖެހޭނެ އެވެ. މިއީ 2024 ވަނަ އަހަރުގައި ބެހި ހިއްސާގެ ފައިދާއާ އަޅާބަލާއިރު 26 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި އެމްއައިބީން ބެހީ 4.58ރ. އެވެ.
ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ އަންނަ މޭ މަހު ބާއްވަން ހަމަޖެހިފައިވާ އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.މީގެ އިތުރުން، ރާއްޖޭގެ އިންކަމް ޓެކްސް ގާނޫނުގެ ދަށުން ނޮން-ރެޒިޑެންޓް ހިއްސާދާރުންނަށް 10 ޕަސެންޓުގެ ވިތްހޯލްޑިންގ ޓެކްސެއް ނެގިދާނެކަމަށް ބޭންކުން ވަނީ ބުނެފައެވެ. ނަމަވެސް، މިއީ ރެޒިޑެންސީ ސްޓޭޓަސް ޑިކްލެއާ ނުކުރާ ހިއްސާދާރުންނަށް އެކަނި ނެގޭ ޓެކްސަކަށްވާތީ، ވީހާވެސް އަވަހަކަށް އެ މައުލޫމާތު ހުށަހެޅުމަށް ބޭންކުން ވަނީ ހިއްސާދާރުންގެ ކިބައިން އެދިފައެވެ.