ރައްޔިތުންގެ އާއްމު ހިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމް ކޯޓް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ރެފެރަންޑަމާ ގުޅޭ ދުސްތޫރީ މައްސަލައަކީ ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލަ ހުށަހެޅީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާމެދު ނަގާ ރެފެރެންޑަމް ވޯޓު ހުއްޓުވުމަށް އެދި، އެޓާނީ ޖެނެރަލްގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށެވެ
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މިހާރު ސުވާލު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދެވެ. މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު އެ ފިޔަވަޅާ އެކު އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެފައި ވެ އެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ސަރުކާރުގެ މި ވިސްނުމަށް އަންނަނީ ދެކޮޅު ހަދަމުން ނެވެ.