ޚަބަރު
ފޮސްޓާ ކުދިންނާ ހަވާލުވާ ސަރުކާރު މުވައްޒަފުންނަށް ޗުއްޓީއެއް ދެނީ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ފޮސްޓާ ނިޒާމުގެ ތެރެއިން ހަވާލުވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް، މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ޚާއްޞަ ޗުއްޓީއެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

އުމުރުން ހަ މަސް ނުވާ ކުދިންނާއި ހަ މަހަށްވުރެ ބޮޑެތި ކުދިންނާ ހަވާލުވެ ބަލަހައްޓާ ބެލެނިވެރިންނަށް ހާއްސަ ޗުއްޓީއެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ.

މި ޗުއްޓީ ލިބޭ ގޮތަށް ސިވިސް ސާވިސް ގަވައިދު އިސްލާހުކޮށް އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ. އޭގައިވާ ގޮތުން؛

  • ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖާއާ ބެލެނިވެރިކަން ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސް ނުފުރޭ ނަމަ، ކުއްޖާގެ އުމުރުން ހަ މަސް ހަމަވާ ދުވަހުގެ ނިޔަލަށް މުސާރަ އާއި އިނާޔަތް ލިބޭގޮތަށް ޗުއްޓީއެއް ލިބޭނެ
  • ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖާއާ ބެލެނިވެރިކަން ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސް ފުރިފައިވާ ނަމަ ނުވަތަ ހަ މަސްދުވަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، މުސާރަ އާއި އިނާޔަތްތައް ލިބޭގޮތަށް 30 ދުވަހުގެ ޗުއްޓީއެއް އެ ބެލެނިވެރިޔާއަށް ލިބޭނެ
ފޮސްޓާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް އެންސްޕާ މެދުވެރިކޮށް އެލަވަންސެއް ދެމުން އައި ނަމަވެސް، އެ ކުދިންގެ ބެލެނިވެރިކަމާ ހަވާލުވާ ސިވިލް ސާވިސް މުވައްޒަފުންނަށް ވަކި ހާއްސަ ޗުއްޓީއެއް ދޭ ގޮތަށް ކުރިން ކަނޑައަޅާފައި ނޯވެ އެވެ.

އޭގެ އިތުރުން ދައުލަތުން ބަލަހައްޓާ ކުދިން ފޮސްޓާ ކުރާ އާއިލާތަކަށް މަހަކު 5،000ރ.ގެ މާލީ އެހީއެއް ވެސް ސަރުކާރުން އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު