ވިޔަފާރި
ބީއެމްއެލްއިން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން މަޝްވަރާކުރަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ހިއްސާގެ  ބާޒާރަށް ނުކުންނަން މަސައްކަތް ފަށާފައިވާ ކަމަށް ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް، ބްލޫމް ބާގް އިން ރިޕޯޓްކޮށްފި އެވެ.

މިއީ ބީއެމްއެލްއިން ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި އިންވެސްޓަރުންގެ ޝައުޤުވެރިކަން ހުރި މިންވަރު ބެލުމަށް ކުރާ ފުރަތަމަ މަސައްކަތެވެ.

ބީއެމްއެލްގެ ޑައިރެކްޓާ ފޯ ފައިނޭންޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން ޢަބްދުﷲ ޙަސަން "ބްލޫމްބާގް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ބޭންކުން އަންނަނީ އޭޝިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ ފަންޑް މެނޭޖަރުންނާ ބައްދަލުކުރަމުންނެވެ.

މި ބައްދަލުވުންތަކުގެ ބޭނުމަކީ އެ ބޭންކުން ދޫކުރުމަށް ނިންމާފައިވާ އެމެރިކާ ޑޮލަރުގެ ސުކޫކަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުމެވެ. މި މަސައްކަތުގައި އެ ބޭންކަށް އެހީތެރިވަނީ ދުބާއީގައި ހުންނަ މަޝްރިޤް ބޭންކުންނެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިހާރު ބިނާވަނީ ޓޫރިޒަމް އިންޑަސްޓްރީއަށް ކަމަށް ވާއިރު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެ އިންޑަސްޓްރީއަށް ވަނީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެއީ ދަތުރުފަތުރަށް ބުރޫ އެރުމާއި ތެލުގެ އަގުބޮޑުވުމުގެ ސަބަބުންނެވެ. ޓޫރިޒަމް އިންޑަސްޓްރީއަށް މި ގޮންޖެހުންތައް ކުރިމަތިވެފައި ވާއިރު ބީއެެމްއެލް އަކީ އެ އިންޑަސްޓްރީއަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރާ ބޭންކެކެވެ.

މީގެ ކުރިން 2024 ވަނަ އަހަރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދިއުމަށްފަހު، ސަރުކާރުން އަންނަނީ ރިޒާވް ރަނގަޅުކުރުމަށް އިސް ނަގައިގެން މަސައްކަތްތަކެއް ކުރަމުންނެވެ.
ރިޒާވް ރަނގަޅުވި ނަމަވެސް މިދިޔަ މަހު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ރީފައިނޭންސް ކުރުމުގެ ބަދަލުގައި ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެން ސްކޫކް އަނބުރާ ދައްކައި ހަލާސްކޮށްފަ އެވެ. ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެގެން އުޅެނީ އެއަށް ފަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު