ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި ބޮޑު އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންނަށް ފަރުވާދޭން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލެ، ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު މިރޭ 21:16 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކަނޑުމަތިން 2 އުޅަނދެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ހިމެނޭ އަނެއް ކަނޑުއުޅަނދު ވަނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ޖުމްލަ ފަސް މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެ މީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.