ވިޔަފާރި
ބީއެމްއެލްއަށް ހަ މަސް ތެރޭގައި 1.3 ބިލިއަން ރުފިޔާގެ ފައިދާ
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %21ގެ ކުރިއެރުމެއް ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ އެއީ މިދިޔަ އަހަރަށް ވުރެ 21 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ ހަ މަސް ތެރޭގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި އިންޓްރެސްޓުން ލިބުނު އާމްދަނީ 1.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ 830 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ބޭންކްގެ އާމްދަނީއާ އަޅާ ބަލާއިރު ހިންގުމުގެ ހަރަދު ހުރީ 28 ޕަސެންޓްގަ އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުން ދަމަހައްޓަމުންދާ ކުރިއެރުމާއި ރިސްކު މެނޭޖްކުރުމުގެ ހަރުދަނާ އުސޫލުތަކާއި ހިންގުން ހަރުދަނާ ކުރުމަށް ދިން އިސްކަމުގެ ސަބަބުން ބޭރުގެ މާލީ ނިޒާމަށް އަންނަ ބަދަލުތަކާއި ހުރި ގޮންޖެހުންތަކާއެކު ވެސް އެ ކުރިއެރުން ދެމެހެއްޓުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ފުރަތަމަ ހަ މަހު ބޭންކްގެ ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަދި ޑިޕޮސިޓް ފައިސާގެ މިންވަރު ވަނީ 41.6 ބިލިއަން ރުފިޔާއަށް އިތުރުވެ، ޖުމްލަ ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ބޭންކުން ބުނީ އެއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި އިގްތިސާދުގެ މުހިއްމު ދާއިރާތަކަށް ބޭންކުން ދެމުންދާ މާލީ އެހީތެރިކަން ހާމަވާ ކަމެއް ކަމަށެވެ. އެގޮތުން މިދިޔަ ހަ މަހު އެކަނި ވެސް ބީއެމްއެލް އިން ވަނީ އަލަށް އަށް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ. 

ބީއެމްއެލްގެ އުފެއްދުންތަކަށާއި ޑިޖިޓަލް ހިދުމަތްތަކަށާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ސްޓްރެޓިޖިކް ޕާޓްނާޝިޕްތަކަށް އެ ބޭންކުން އަންނަނީ އިންވެސްޓް ކުރަމުންނެވެ. މިދިޔަ ހަ މަހަށް ބަލާއިރު މީގެ ތެރޭގައި ހިމެނެނީ:

  • ގެދޮރުވެރިކަމުގެ ފައިނޭންސިންއަށް އޮތް ފުރުސަތުތައް ފުޅާކުރުން 

  • މައިންޑްކޯއާ ގުޅިގެން 'މޯލްޑިވްސް އޭއައި ލެބް' އިފްތިތާހުކުރުން 

  • ލީޑަޝިޕް ތަރައްގީކުރުން ހަރުދަނާކުރުން 

  • ބައިނަލްއަގުވާމީ ދަރަނީގެ މާލީ ބާޒާރުތަކަށް ވަނުމަށް ތައްޔާރުވުން

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު