
ބީއެމްއެލް އިން މިއަދު ވަނީ މި އަހަރުގެ ދެ ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް މިއަދު އާންމުކޮށްފަ އެވެ.މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ގައުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 166 މިލިއަން ޑޮލަރު ވިއްކާފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 226 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިއަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.ޖުމްލަގޮތެއްގައި، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ވަނީ 478 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކާއެކުވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 އިންސައްތަ އިތުރު، 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު، އަދި 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ. މި ހިސާބުތަކުން ދައްކައިދެނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމެވެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތަށް، ގައުމީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާ ކަމުގެ ފުރިހަމަ ޔަޤީންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ދީފައެވެ.