ޚަބަރު
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިއަށް އިއްޔެ ބަންޑުން ޖަހާލި ކޮޅުވެއްޓިއަކުން ގެއްލުނު ދެ މީހުން ހޯދަން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް އެ މީހުން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. 

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ، ގާފަރު ކައިރިއަށް އަޑިއަށް ދިއުމާ ގުޅިގެންނެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ބިދޭސީންނާއި ދެ ދިވެހިންނެވެ. އުޅަނދު ބަންޑުން ޖަހާލުމާއެކު އަށް މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދެ ބިދޭސީއަކު ވަނީ ގެއްލިފަ އެވެ.

މި ހާދިސާ ހިނގިއިރު މެޓުން ވަނީ މޫސުން ގޯސްވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން އަންގައިފަ އެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެއާ އެކު މިއަދާއި މާދަމާ ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު