ޚަބަރު
މީހުން ހޯދަން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލައިފި
"ފްރެންޑް 4" ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ދަންވަރު އެވެ.

އެ ހާދިސާގައި ގެއްލިފައި ވަނީ ޕޮލިސް ސާޖަންޓު އަލީ ނާފިއު، 33، އާއި އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދު 39، ގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން، 35، އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ގެއްލުނު މީހުން އޮޔާހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުންވެސް ހުވަދޫ ކަނޑާއި، ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި، ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައްވެސް ބަލާފައިވާ ކަމަށެވެ.

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަންގައި މޯލްޑިވިއަން އެއާ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންސް ބޭނުންކޮށްފަ އެވެ. އަދި އޮސްޓްރޭލިޔާއިން ހަދިޔާކުރި މަނަވަރު ކޯސްޓްގާޑް ޝިޕް އިމާދުއްދީންވެސް މި އޮޕަރޭޝަންގައި ބޭނުންކޮށްފައިވެ އެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުގެ އެދިގެން އެމެރިކާ ސަރުކާރުން ފޮނުވި ނޭވީ ޕީ8 މަތިންދާބޯޓެއް ބޭނުންކޮށްގެން ހުވަދޫ ކަނޑުގެ ސަރަހައްދު ބަލާފައިވެ އެވެ. އެ ގޮތުން އެ ބޯޓުން އިއްޔެ 6،300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ފްރެންޑް 4" ދޯނި ވަރަށް ކުއްލި ގޮތެއްގައި ބަންޑުންޖަހާލައި އަޑިޔަށް ގޮސްފައިވަނީ ހުވަދޫ ފުން ކަނޑުގެ ތެރެއަށެވެ. 

އެމްއެންޑީއެފުން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ދޯނި ފެތިފައިވާ ސަރަހައްދު 1،600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ އިރު މިއީ އިންސާނުންނަށް ޑައިވިން ކޮށްގެންދެވޭ ފުންމިނެއް ނޫނެވެ. އެހެންވެ އަދި އަދި މިއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިންވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

މި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް އިއްޔެ ހަވީރު 6:00 ގެ ނިޔަލަށް ވައިގެ މަގުން 17220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެ އެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު