ޚަބަރު
ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ހުވަދޫ ކަނޑުގައި
ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި އެމެރިކާގެ ނޭވީގެ އުޅަނދެއް ހަރަކާތްތެރިވަނީ.
ކަނޑުގަދަވެގެން އަޑިއަށް ދިޔަ ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދާ ސަރަހައްދުގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވަރަށް ތިރިން އުދުހެމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތަށް ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފުން އެމެރިކާގެ އެހީ ހޯދަމުން އަންނަ ކަމަށެވެ. 

އެމެރިކާގެ ނޭވީގެ ވައިގެ އުޅަނދުން ސާޗު އޮޕަރޭޝަން ފެށީ މިއަދު މެންދުރު ފަހު 1:45 ގައި ކަމަށާއި އެ އޮޕަރޭޝަން ކުރިއަށް އޮތް ފަސް ގަޑިއިރު ކުރިއަށް ގެންދާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

އޭވިއޭޓާޒް މޯލްޑިވްސްއިން ވެސް ބުނި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނީ އެމެރިކާގެ ނޭވީގެ "ބޮއިންގް ޕީ-8އޭ ޕޮސައިޑަން" މަރުކާގެ މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެކެވެ.

މި ބޯޓު ދަތުރުކުރަމުން ދަނީ ކަނޑުގެ ސަތަހައިން ގާތްގަނޑަކަށް 1،500 ފޫޓު ތިރިން، "ފްރެންޑް 4" ދޯނި ބަންޑުން ޖަހައިލުމާ ގުޅިގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ސީދާ އެ ސަރަހައްދުގެ މަތިންނެވެ.

ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ މި ސަޕްލައި ދޯނި ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ދާ ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭގެ 22:37 ހާއިރެވެ.

"ފްރެންޑް 4" ނަމަކަށް ކިޔާ އެ ދޯންޏަށް ރާޅެއް އަރައިގެން ދިޔަވާތީ ދޯނި ސަލާމަތްކުރުމަށް އެމްއެންޑީއެފާއި ފުލުހުން މަސައްކަތް ކުރި އެވެ. މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި، ދޯނި ސަލާމަތްކުރަން އުޅެނިކޮށް ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ދޯނީގައި ތިއްބާ އެ މީހުންނާ އެކު އަޑިއަށް ދިޔައީ ކަމަށް ވަނީ ބެލެވިފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު