ދޯނި އަޑިއަށްދިޔަ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވުން. ފޮޓޯ: އެމްއެންޑީއެފް
ސަޕްލައި ދޯންޏަކުން މީހުން ސަލާމަތް ކުރަން އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދަން، ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގައި އިއްޔެ ރޭގެ ވަގުތެއްގައެވެ. އެ ދޯންޏައް ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށްދިޔައެވެ. މި ހާދިސާއަށް ފަހު، ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުސްމީހާ އަލީ ނާފިއު ވެސް ވަނީ ކަނޑަށް ގެއްލިފަ އެވެ.
އެމްއެންއެންޑީއެފުން ބުނީ ވަޔާއި ޔޫއޭވީ އަދި މޯލްޑިވިއަންގެ ބޯޓެއް ބޭނުންކޮށްގެން އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިއްޔެ މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓަ ކްރާފްޓްތަކާއި ސީއެމްބިއުލޭންސްގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.އެކަމަކު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ތިން މީހުން އަދި ފެނިފައެއް ނުވެއެވެ.