ޚަބަރު
ދޯންޏެއް އަޑިއަށްދިޔަ ހާދިސާއެއްގައި، ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްގެން ހޯދަނީ
ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏަކަށް ދިޔަވެ އަޑިއަށް ދާތީ އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ގެއްލިއްޖެ އެވެ. 

"ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ދިޔައީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ.

ނަމަވެސް، ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.

"މި ހާދިސާ ހިނގިއިރު ދޯނީގައި ތިބީ އަށް މީހަކު، އެ އެންމެންގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތްކޮށްފައި، ގެއްލިފައިވާ ތިން މީހުންގެ ތެރޭގައި ހިމެނެނީ ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލެއް" މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު