ގެއްލިގެން ހޯދަމުން އަންނަ ތިން މީހުން. (ކ-ވ) ހަމްދޫން، އިބްރާހިމް އަހުމަދު އަދި ނާފިއު.
ހުވަދޫ ކަނޑަށް އަޑިއަށްދިޔަ "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް މުޅި ހުވަދޫ ކަނޑު އެއްކޮށް ބަލާފައިވާ ކަމަށާއި، ނަމަވެސް އެ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފި އެވެ.
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ މި ސަޕްލައި ދޯނި ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ދާ ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭގެ 22:37 ހާއިރެވެ."ފްރެންޑް 4" ނަމަކަށް ކިޔާ އެ ދޯންޏަށް ރާޅެއް އަރައިގެން ދިޔަވާތީ ދޯނި ސަލާމަތްކުރުމަށް އެމްއެންޑީއެފާއި ފުލުހުން މަސައްކަތް ކުރި އެވެ. މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި، ދޯނި ސަލާމަތްކުރަން އުޅެނިކޮށް ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ދޯނީގައި ތިއްބާ އެ މީހުންނާ އެކު އަޑިއަށް ދިޔައީ ކަމަށް ވަނީ ބެލެވިފަ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ޓަކައި ވައިގެމަގުންނާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ވަނީ ބަލާފައި ކަމަށެވެ.އެގޮތުން، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން، ހުވަދޫ ކަނޑުގެ އިތުރުން ލ. އަތޮޅާއި ގއ. އަތޮޅުގެ އެ ބިތުގެ ފަރުތައް ވެސް ބަލައިފައިވާ ކަމަށް ބުންޏެވެ.މި އޮޕަރޭޝަންގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވާކަން ފާހަގަކުރަމުން އެމްއެންޑީއެފުން ބުނީ، މޯލްޑިވިއަންގެ އެއާކްރާފްޓްތަކުގެ އިތުރުން ރޭގަނޑު ވެސް ކަނޑުމަތި ބެލޭ އިންފްރާރެޑް ސެންސަރު ހުންނަ ސިފައިންގެ "ޓީބީ2" ޑްރޯންތަކާއި، އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ޒަމާނީ ޓެކްނޮލޮޖީ މި މަސައްކަތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.މީގެއިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާ ނޭވީގެ ޕީ-8 މަރުކާގެ ޚާއްސަ މަތިންދާބޯޓެއް ބޭނުންކޮށްގެން އިއްޔެ އެކަނި ވެސް 6,300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފައި ކަމަށް ބުންޏެވެ.