ޚަބަރު
ޝުޖާއު އެދި ލެއްވީ ރައީސާއެކު ގަދަކޮށް ތިއްބެވުމަށް!
ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާ ހުރިހާ ރައްޔިތުންވެސް ރައީސާއެކު ގަދަކޮށް ތިއްބެއްވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފި އެވެ.

އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ ރައީސް ޔާމީނަށާއި އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ގިނަ ވަގުތު ހޭދަކުރެއްވީ ތާސްކުޅުއްވުމުގައި ކަމަށާއި، އޭރުގެ ރަށު ކައުންސިލްތަކުން މަޝްރޫއުތަކާ ގުޅޭގޮތުން ގުޅުމުންވެސް ފޯނު ނުނަންގަވާ ކަމަށެވެ.

"އޭރު ހަމަ ކޮންމެ ކަމެއްގައިވެސް އޮންނަނީ ހައުސިން މިނިސްޓަރު މުޢިއްޒު. ރައީސް ޔާމީން އިންނަވަނީ މިހާރުވެސް އެ އިންނަވާހެން ގިނަ ރޭރޭ ހަމަ ތާސްކުޅުމުގައި ބިޒީކޮށް،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ އޭރު އޮތް ސަރުކާރުން މާލީ ތަފާސް ހިސާބު ހާމަނުކުރާތާ ތިން މަސްވީ ފަހުން ކަމަށެވެ. އެކަން އެގޮތަށް ކުރީ ދައުލަތުން ކޮށްފައިވާ ވައްކަމާއި ޚިޔާނާތް ރައްޔިތުންނަށް ފަޅާއަރާނެތީ ކަމަށް ވިދާޅުވި އެވެ.

އަދި އެކަންކަން ހާމަވެދާނީ ރައީސް މުޢިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު އޭރު އެމްޑީޕީއަށް މަޖިލީހުގައި އޮތް މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ރައީސް މުޢިއްޒު ވެރިކަމުން ދުރުކުރުމަށް މަސައްކަތް ފެށި ކަމަށެވެ.

"ވަރަކަށް ކާލެވިފައި އޮތީމާތާ މިވަރުވާނީ،" މަޖިލީސްތެރެއިން ރައީސް މުޢިއްޒު އަޒުލުކުރުމަށް އެމްޑީޕީން ކުރި މަސައްކަތަށް އިޝާރާތްކޮށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލުމަށް އެކި ފަހަރު އެކި ވާހަކަ ދައްކަމުންދާ ކަމަށެވެ. އޮޅުވާލައިގެން އެ ހުރިހާ ވާހަކަތަކެް ދެއްކުމުގެ މަޤްސަދަކީ ވެރިކަން ހޯދުން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީއަށް ދެން ވެރިކަން ލިބުނަސް ރައްޔިތުންނަށް ކޮށްދޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

"މި ބޭފުޅުންގެ ނޯންނާނެ ދިވެހިރައްޔިތުންނަށް ހެޔޮ އެދިގެން ކުރާނެ ކަމެއް. މިއީ ނަވާރަ ދިވެހީންގެ ލޭ ހޭކިފައިވާ ބައެއް،" ޝުޖާއު ވިދާޅުވި އެވެ.

މެންބަރު ޝުޖާޢު ވަނީ އެމްޑީޕީ ސަރުކާރުން އުފެއްދި މައްސަލަތައް ޙައްލުކުުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގައި ދެމިތިބެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައްޔިތުންނަށް އިލްތިމާސް ކުރެއްވީ ރައީސާއެކު ގަދަކޮށް ތިއްބެއްވުމަށެވެ.

"ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް. ހުރިހާ ބޭފުޅުންވެސް ރައީސް މުޢިއްޒުގެ ވެރިކަމާއެކު ގަދައަށް ތިއްބަވާށޭ،" ޝުޖާއު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު