ޚަބަރު
ޝުޖާއުއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓް ފުލުހުންގެ ތަހުގީގު ފަށައިފި
ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓުގެ މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

ސޯޝަލްމީޑިއާގައި އާއްމުކޮށްފައިވާ އެ ރިޕޯޓަކީ ސައްހަ އެއްޗެއްކަން ނުވަތަ ނޫން ކަން އެމްއެމްއޭ އިން މިހާތަނަށް ކަށަވަރެއް ނުކޮށްދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ. އެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ އެ ތިން މީހުންނާއި އިތުރު މީހުންގެ ހިއްސާ އޮންނަ  ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ. 

ރިޕޯޓުގައި ވާގޮތުން މި ސަރުކާރުގައި ވެސް އެކި ކުންފުނިތަކާއި ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ފައިސާ އޮފިޝަލް އިވެންޓްސްއަށް ޖަމާކޮށްފައެވެ. ބެލެވޭ ގޮތުގައި އެއީ އެކިއެކި އިވެންޓްތައް ބާއްވަން ސަރުކާރުން ޖަމާކުރި ފައިސާއެވެ. އޮފިޝަލް އިވެންޓްސްއަކީ އެންމެ ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިކުރާ އެއް ކުންފުންޏެވެ.

ރިޕޯޓުގައި ބުނީ، ތިން ކުންފުންޏަކީ ވެސް އެއް ބަޔަކާ ގުޅުން އޮންނަ ކުންފުންޏަކަށްވެފައި އެ މީހުންނަކީ ސިޔާސީ ނުފޫޒު އޮތް ބަޔަކަށްވުމުން އެއީ ސިވެކްގެ އޮފިޝަލުންނާ ގުޅިގެން ހިންގާފައިވާ ކަމެއް ކަމަށް ބެލެވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި، ސިވެކަށް ހުވާކުރުމުގެ ރަސްމިއްޔާތު ހަވާލުކުރަން އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވެ، ބައެއް ބައްދަލުވުންތައް ޝުޖާ ލީޑްކުރެއްވި ކަމަށް ރިޕޯޓުގައިވެއެވެ.

އެހެންވެ، އެ މުއާމަލާތަކީ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތަކަށް ބެލެވުމުގެ ފުރުސަތު އޮތް ކަމަށާއި އަދި ނުހައްގު މުއްސަނދިކަމާއި ކޮރަޕްޝަނަށް ވެދާނެ ކަމަށް ރިޕޯޓުގައިވެއެވެ. އަދި، ނުފޫޒު ބޭނުންކޮށްގެން މަޝްރޫއުތައް ހޯދިކަމަށް ބެލެވުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުގައިވެއެވެ.

މި ފައިސާތައް ލޭޔަރުކުރުން ފަދަ ކަންކަން ހިނގާފައި ހުރި ކަމަށް ބުނެ، މި މައްސަލަ އިތުރަށް ތަހުގީގުކުރަން ރިޕޯޓުގައި ވަނީ އިރުޝާދު ދީފައެވެ.

ޝުޖާއު ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭގޮތުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓު އާންމުވެފައި ވަނިކޮށް މިއަދު ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އަބްދުﷲ އަޝްރަފް މަގާމުން ބަދަލުކޮށް އެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފަ އެވެ.

އެމްއެމްއޭ އިން ބުނީ އެ ބަދަލަކީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ބަދަލެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު