ވިޔަފާރި
އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން: މަޓީ
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ %40 ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ސަރުކާރުން ގެންނަން އުޅޭ ބަދަލަކީ އެއްގޮތަކަށްވެސް ދެކޮޅުޖެހޭ އަދި ސިނާއަތަށް އުފުލޭނޭވަރުގެ ބުރައެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމްއިއްޔާ، މަޓީން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހާމަކުރެއްވި ގޮތުގައި މިހާރު ހުށަހަޅާފައިވާ ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން މަޓީން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލުކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ.

ބައެއް ރިސޯޓު އޮޕަރޭޓަރުން ގާނޫނާ ހިލާފު މުއާމަލާތްތައްކޮށް، ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު އުފުލުމަށް މަގުފަހިކުރާ ކަމަށް ސަރުކާރުގެ ތަހުގީގަކުން ތުހުމަތުކޮށްފައި ވިޔަސް، މަޓީން ބުނީ އެފަދަ ކަމެއްގެ މައުލޫމާތު އެ ޖައިއްޔާއަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ހުރިހާ ރިސޯޓު އޮޕަރޭޓަރުން ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަބަދުވެސް އެ ޖަމިއްޔާއިން އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

މަޓީން ބުނީ މަދު ރިސޯޓު އޮޕަރޭޓަރުންތަކެއްގެ މައްސަލައެއް ތަހުގީގުކުރަމުންދާތީ، މުޅި ސިނާއަތަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުމަކީ އަދި ޑޮލަރުގެ ކަޅު ބާޒާރު ހިންގާ ކަމުގެ ތުހުމަތު ރިސޯޓުތަކުގެ ބޮލުގައި އެޅުވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. 

ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ކެޓަގަރީ "އޭ" ގެ ތަންތަނުން (ރިސޯޓުތަކުން) ޖުމްލަ ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ލާޒިމްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ އިސްލާހާ މެދު މަޓީން އިންތިހާއަށް ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

މަޓީން ބުނީ މަރުކަޒީ ބޭންކް އެމްއެމްއޭއާ އެކު ކުރިން ބޭއްވި ބައްދަލުވުންތަކުގައި އެ ޖަމިއްޔާއިން  ހުށަހަޅާފައި ވަނީ މާރުކުރަން ޖެހޭ މިންވަރު 10 ޕަސެންޓަށް ވުރެ އިތުރުނުކުރުމަށް ކަމަށެވެ. އަދި ގާނޫނީ ގޮތުން އިސްތިސްނާއަށް އެދިފައިވާ ރިސޯޓުތަކުގެ ހުށަހެޅުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވެސް އެދިފައިވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. 

ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ މަޓީން ބުނީ ސަރުކާރާއި އެމްއެމްއޭއާ އެކު ވާހަކަދައްކައިގެން އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެ ޖަމިއްޔާއިން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.

އެމްއެމްއޭއިން މިހާރު ދަނީ ރިސޯޓުތަކަށް އަންނަ މީހެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އުސޫލު އުވާލައި، ޖުމްލަ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށި ފުރަތަމަ އަހަރު ޓޫރިޒަމް ދާއިރާއިން 1.7 ބިލިއަން ޑޮލަރު (26.2 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައިވެ އެވެ. މީގެ ސަބަބުން ކުރިން 15-9 ޕަސެންޓުގައި ހުރި ޑޮލަރު މާރުކުރުމުގެ ނިސްބަތް ވަނީ 21 ޕަސެންޓަށް އުފުލިފަ އެވެ.

ނަމަވެސް ޑޮލަރުގެ އަގު ދަށް ނުވެ، މިހާރު ޑޮލަރެއް ވަނީ 22.70ރ. އަށް އަރައިފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު