ޚަބަރު
ހުއްދަ ނުނަގާ މަނީ އެކްސްޗޭންޖު ކުރުމަކީ ޖިނާއީ ކުށެއް: އިހުސާން
ގާނޫނާއި ގަވާއިދާ ޚިލާފަށް ހުއްދަ ނުނަގައި ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު މާރުކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނު ތަންފީޒުކުރަން ފަށާފައިވާ ކަމުގެ އިންޒާރު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ދެއްވައިފި އެވެ.

އިހުސާން ވަނީ، ހުއްދަ ނުހޯދައި ޑޮލަރުގެ ވިޔަފާރި ކުރާ ވިޔަފާރިތަކާއި އާންމުންގެ ބޮލުގައި މަނީ ލޯންޑަރިންގެ ތުހުމަތު އަޅުއްވައިފަ އެވެ. 

"ރާއްޖޭގެ ގާނޫނުގައި ބުނާ ގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް، ހުއްދަ ނުނަގައި ކުރުމަކީ ޖިނާއީ ކުށެއް. މާނައަކީ ހުއްދަ ނުނަގައި މަނީ އެކްސްޗޭންޖް ކުރުމަކީ ޖިނާއީ ކުށެކޭ. އެ ޖިނާއީ ކުށް ކޮށްގެން ހޯދާ ފައިސާ އަމިއްލަ ގޮތުގައި ބޭނުން ކުރުމާއި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމާއި އޭގެ އިތުރު ފައިދާ ހޯދުމަކީ ރާއްޖޭގެ ގާނޫނުގައި މިވަގުތު ބުނާ ގޮތުން މަނީ ލޯންޑަރިން،" ވަޒީރު ވިދާޅުވި އެވެ. 

ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ވާހަކަ އިހުސާން ވަނީ މިއަދު ވަކިން ފާހަގަ ކުރައްވައިފަ އެވެ. 

"ހުއްދަ ނުނަގާ ޑޮލަރު އެކްސްޗޭންޖް ކުރުމަކީ ރާއްޖޭގެ ގާނޫނުގައި ޖިނާއީ ކުށެއް އެއީ. ވަކިވަކި ފަރުދުން ވެސް އެބަ ހިމެނޭ މީގެ ތެރޭގައި އިނގޭތޯ؟ މިސާލަކަށް އަޅުގަނޑަށް މުސާރަ ލިބެނީ ޑޮލަރުން އަޅުގަނޑު އަނެއްކާ ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ. އެއީ ހުއްދަ ނުނަގާ މަނީ ޗޭންޖް ކުރުން އެނގޭތޯ؟ ބައި ޑެފެނިޝަން،" އޭނާ ވިދާޅުވި އެވެ. 

"ހުއްދަ ނުނަގާ މަނީ އެކްސްޗޭންޖު ކުރުމަކީ ޖިނާއީ ކުށެކޭ. އެ ޖިނާއީ ކުށް ކޮށްގެން މި ހޯދާ ފައިސާ އަމިއްލަ ގޮތުގައި ބޭނުން ކުރުމާ، ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމާ، އޭގެން ފައިދާ ހޯދުމަކީ ރާއްޖޭގެ ގާނޫނުގައި މިވަގުތު ބުނާ ގޮތުން މަނީ ލޯންޑްރިން،" 

މިނިސްޓަރު ވިދާޅުވީ ހުއްެދަ ނުނަގާ، މަނީ ލޯންޑްރިންއަށްވާ ގޮތަށް މުއާމަލާތް ކުރާ މީހުންނަކީ ރާއްޖެއަށް ފައިސާ އެތެރެކުރާ މީހުން ނޫން ކަމަށާއި މިއީ ބޭރު ފައިސާ އިން އާމްދަނީ ލިބޭ މީހުން ވެސް ނޫން ކަމަށެވެ.

"މި ފަރާތަށް ކޮންމެވެސް ފަރާތަކުން ބޭރު ފައިސާ ދީގެންތާ ބޭރު ފައިސާ އެކްސްޗޭންޖު ކުރެވޭނީ. އަޅުގަނޑުމެން މި ބެލީ މި މީހުންނަށް ބޭރު ފައިސާ ދެނީ އެކްސްޗޭންޖު ކުރުމުގެ ބޭނުމަށް. ބެލި އިރު މީގެ ތެރޭ މި ހިމެނެނީ ރާއްޖޭގައި ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތައް،" އިހުސާން ވިދާޅުވި އެވެ.

"އަންފޯޗުނޭޓްލީ އަޅުގަނޑުމެންނަށް މީގެ ތެރޭ ފާހަގަވެފައި އެބަހުރި ރާއްޖޭގައި ނަން މަޝްހޫރު ބޮޑެތި ރިސޯޓުތައް. އޭގެ ތެރެއިންް އެއް ފަރާތުން [ރިސޯޓު ޗެއިންއަކުން] މިދިޔަ ނުވަ މަސް ތެރޭގައި 4 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައިވޭ."

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު