އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން، ބޭންކުތަކަށް ވިއްކާ ބޭރު ފައިސާ، ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމްސްއާ ގުޅިގެން ވެރިފިކޭޝަން ނިޒާމެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މިއީ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބޭންކުތަކަށް ވިއްކާ ބޭރު ފައިސާ ފޯރުކޮށް ދެވެނީ އެންމެ އެކަށީގެންވާ ފަރާތްތަކަށްކަން ޔަގީންކުރުމަށް ކުރެވޭ މަސައްކަތެކެވެ.
އެ ގޮތުން ރާއްޖެއަށް ޒަރޫރީ މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ހާއްސަކޮށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެފަދަ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.
އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މުދާ އިމްޕޯޓްކުރުމާ ގުޅޭ ޓީޓީ މެދުވެރިކޮށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުން، އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް ގެންނަކަން ކަށަވަރުކުރުމުގެ ގޮތުން ކަސްޓަމްސްއާ ގުޅިގެން ގާއިމުކުރާ ވެރިފިކޭޝަން ސިސްޓަމް މި މަސް ނިމުމުގެ ކުރިން ލައިވް ކުރާނެ ކަމަށެވެ.ރާއްޖޭގައި ވެސް ޑޮލަރުގެ އަގު އުފުލި އެކަމުގެ ބުރަ ވިޔަފާރިތަކާއި އާންމުން ވެސް އުފުލަން ޖެހިފައި ވާއިރު މައްސަލަ ހައްލުކުރުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.