ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 80 ޕަސެންޓަށް އިތުރުކުރުމަކީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މުހިންމު އަމާޒެއް ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށް ދެއްވި މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ) ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މުނައްވަރު ވިދާޅުވީ ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގެ ގާތްގަނޑަކަށް 40 ޕަސެންޓް މަގާމުތަކުގައި މިހާރު ތިބީ ބޭރު މީހުން ކަމަށެވެ.
މުނައްވަރު ވިދާޅުވީ ބޭންކްތަކުގެ އިސް މަގާމުތަކުގައި ބޭރު މީހުން ތިބި ނިސްބަތް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 20 ޕަސެންޓް ނުވަތަ އެއަށްވުރެވެސް ތިރިކޮށް މެނޭޖްމަންޓް މަގާމުތަކުގެ 80 ޕަސެންޓަށްވުރެ ބޮޑު ބަޔަކީ ދިވެހިން ކަމުގައި ކަނޑައެޅުމަކީ އަމާޒެއް ކަމަށެވެ."އަޅުގަނޑުމެންގެ ތަސައްވުރަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މި ނިސްބަތް 20 ޕަސެންޓަށް ނުވަތަ އެއަށްވުރެ ދަށަށް ތިރިކޮށް، މެނޭޖްމަންޓް މަގާމުތަކުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ދިވެހިން ކަމުގައި ހެދުން،" އޭނާ ވިދާޅުވި އެވެ.
މިކަން ހާސިލުކުރުމަށް ޒުވާހުން ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ.