
މީ މިއަދު މުޅި ހޯރަފުށީ ރައްޔިތުންގެ ދުލުން ބުނާތީ އިވޭ އަޑެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑު ހޯރަފުށީގައި ސިއްހީ ފަރުވާ "0" ސުމެކެވެ. ރަށުގެ އިޖްތިމާއީ ހަރަކާތްތަކުން ގިނަ ޒުވާނުން ތަކެއް ފެނުނަސް އެމީހުން އަދާ ކުރާނެ ވަޒީފާ ރަށުން ނުލިބުން އެއީ މިއަދު ގިނަ ޒުވާނުންގެ "ޝަކުވާ" އެވެ. އަދި އެ ޒުވާނުންގެ އާއިލާ ތަކުގެ ކަންބޮޑުވުމެކެވެ.ރަށުގައި ދިރިއުލޭ އާބާދީ ހޯރަފުށީގައި މަދުވުމުގެ މައިގަނޑު އަސާސަކީ ވެސް ސިއްހީ ފަރުވާ އާއި ވަޒީފާ އެވެ. މި ދެ މައްސަލައަށް ހައްލެއް ނުލިބި ގިނަ އަހަރުތަކެއް ފާއިތުވެގެން ދިއުމުގެ ނަތީޖާ އަކީ މިއަދު ހޯރަފުށިން ވެރިރަށް މާލެ ބަދަލުވާ އާއިލާތަށް ގިނަ ވުމެވެ. ނިމުނު ފަސް އަހަރަށް ބަލާއިރު ގިނަ އާއިލާތަކެއް މިހާރު ވެސް ވަނީ ރަށު ގޯތި ދޫކޮށް "ކުލީގެ އަޅުން" ނަށްވެ މާލެ ހިޖުރަކޮށްފަ އެވެ. މި ދެ މައްސަލައަށް ކުޑަ ވެސް ތަސައްލީއެއް ގެނެސްދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެވެ. ބޮޑު ތިލަދުން މަތީގެ ވައިގެ ބަދަރު ހޯރަފުށީގައި ހުޅުވުމުގެ ނަތީޖާ އަކީ ރަށުން ވަޒީފާއެއް ލިބުމުގެ ފުރުސަތު ހުޅުވި ގެން ދިއުމެވެ. މިއަދު ހޯރަފުށީ އެއާޕޯޓްގައި މަަސައްކަތް ކުރާ މުވައްޒަފުންގެ މޫނުމަތިން އެ ފެންނަނީ މިދެންނެވި އުފާވެރި ކަމުގެ އިހްސާސް އެވެ.މީގެ އިތުރުން ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ބޮޓްލިން ޕްލާންޓުގެ އަމަލީ މަސައްކަތް ފެށީވެސް ސޯލިހުގެ ޒައާމަތުގައި އެވެ. ގިނަ ވަޒީފާތަކެއްގެ އުފެދޭނެ މި މަސައްކަތަކީ ވެސް ހޯރަފުށީގައި ވަޒީފާ ނެތް ޒުވާނުންނަށް އޮތް އުންމީދެކެވެ. މި މަސައްކަތް މިހާރު "ހުއްޓިފައި" އޮތް ނަމަވެސް އަވަސް މުސްތަގުބަލެއްގައި ބޮޓްލިން ޕްލާންޓު ހުޅުވި ވަޒީފާގެ ފުރުސަތު ފަހިވެގެން ދިއުމަކީ ރައްޔިތުންގެ އުންމީދެވެ. މީގެ އިތުރުން ހޯރަފުއްޓަށް ދިމާވެފައިވާ ސިއްހީ ފަރުވާ ޒަމާނީ ކުރުމަށް "ހޯރަފުށީ ހޮސްޕިޓަލްގެ" އަމަލީ މަސައްކަތް ވެސް ފެށިގެން ދިޔައީ ސޯލިހުގެ ވެރިކަމުގައި އެވެ. މި މަސައްކަތުގެ ސްޕީޑް ލަސް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ ހިދުމަތް ދެވޭނެ ހާލަތު އުފަން ކުރުމަށެވެ. ހޯރަފުށިން ނުލިބޭ، ސިއްހީ ފަރުވާ އާއި ވަޒީފާގެ ފުރުސަތު ފަހި ވުމަށް ހޮސްޕިޓަލްގެ މަސައްކަތަކީ މުހިންމު މަޝްރޫއެކެވެ. ރައްޔިތުން ތިބީ މި މަޝްރޫއު ނުހުއްޓި ކުރިއަށް ގޮސް އަވަސް މުސްތަގުބަލެއްގައި ހޯރަފުށީ ހޮސްޕިޓަލުން ސިއްހީ ފަރުވާ ހޯދާ އަދި އެތަނުގައި އުފެދޭ ވަޒީފާގެ ފުރުސަތުތަކަށް ބަލަބަލަ އެވެ.