ޚަބަރު
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް އަންނަ މަހު ފަށަނީ!
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީހީ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، އެ މިސްކިތް ވެގެންދާނީ އިސްލާމީ ބިނާކުރުންތެރިކަމުގެ ފުރިހަމަކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ހަޟާރާތުގެ މުއްސަނދިކަން ރަމްޒުކޮށްދޭނެ ފާހަގަކޮށްލެވޭ ބިނާއަކަށް ކަމަށެވެ. އަދި އެ ބިނާ ވެގެންދާނީ އީމާންތެރިކަމާއި، އިލްމާއި، އެއްބައިވަންތަކަމުގެ އިތުރުން މުޖުތަމައުގެ ގުޅުންތައް ބަދަހިކޮށްދޭ މަރުކަޒަކަށް ކަމަށް ވެސްް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

އެ މިސްކިތުގެ ބިންގާ އެޅުމަށް ޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާކަމަށާއި ރާއްޖެ އިސްލާމިމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައި މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރެނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.

އެ ބިނާއަކީ ފާއިތުވި ނުވަ ގަރުނުގެ އީމާންތެރިކަމާއި، އިލްމާއި، ހިދުމަތުގެ ދެމިގެންވާ ތަރިކައެއްގެ ގޮތުގައި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ބިނާއެއް ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވާފައިވާ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 އަދި ފޭސް 3 ގުޅޭ ސަރަހައްދުގަ އެވެ. އެ މިސްކިތް އެޅުމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިހާރު ވަނީ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

މިސްކިތުގެ އިތުރުން ގުރުއާން މިއުޒިއަމަކާއި އެހެނިހެން މުހިންމު ވަސީލަތްތައް ހިމެނޭހެން ކޮމްޕްލެކްސްއެއްގެ ގޮތުގައި ތަރައްގީކުރާ އެ މަޝްރޫއަށް ފައިނޭންސް ކުރުމަށްޓަކައި، ސައޫދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އިސްލާމިކް މިނިސްޓްރީންވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު