ބޭރުފައިސާގެ ގާނޫނުގެ ދަށުން ޑޮލަރު މާރުނުކުރާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފި
ހުނައިދާ ޔާސިރު
23 އޯގަސްޓް 2026 - 19:55
0 comments
ރަހާ ރިސޯޓު: ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ ތެރޭގައި ރަހާ ރިސޯޓު ހިމެނޭ ކަމަށް އެމްއެމްއޭއިން ބުނޭ -
ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ޑޮލަރުން ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ބައެއް މާރުކުރަން މަޖުބޫރުކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން އެއްވެސް ގޮތަކަށް ޑޮލަރު މާރުނުކުރާ ދެ ރިސޯޓަކީ ރަހާ ރިސޯޓާއި ސައުތު ޕާމް މޯލްޑިވްސް އިން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
މިއީ ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށިތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، މި ގާނޫނަށް އަމަލުނުކޮށްގެން ވިޔަފާރިތަކެއްގެ ނަން އާންމުކުރި ފުރަތަމަ ފަހަރެވެ. އެމްއެމްއޭއިން ބުނި ގޮތުގައި ޑޮލަރު މާރުނުކުރާ ދެ ރިސޯޓަކީ، ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ. އޭގެ ތެރެއިން ރަހާ ރިސޯޓަކީ އެމްއޯ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިން ލ. އަތޮޅުގައި ހިންގާ ރިސޯޓެކެވެ. އަދި ސައުތު ޕާމްއަކީ އައްޑޫގައި، ސައުތު ޕާމް މޯލްޑިވްސްއިން ހުޅުވި ރިސޯޓެކެވެ.އެމްއެމްއޭއިން ވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް މާރުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މިހާތަނަށް އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް، ރަޖިސްޓްރީވުމަށް ފަހު ފުރުސަތު ދޭކަމަށް ވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުން ގިނަ ރިސޯޓުތަކުން ދަނީ ގާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންނެވެ. އެގޮތުން، އެމްއެމްއޭއިން އާއްމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާގޮތުން 78 ޕަސެންޓް ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުމުގެ ކަންތައްތައް 20 ޕަސެންޓް ރިސޯޓުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު