
ޕީއެންއެފުން ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މަޖިލީސް މެންބަރުންގެ ތެރޭގައި ޑޮލަރުގެ ވިޔަފާރި ކުރައްވާ ބޭފުޅުން ތިއްބެވި ކަމަށާއި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެ ބޭފުޅުން ތިއްބެވީ ހިތްހަމަނުޖެހިފައި ކަމަށެވެ."އަޅުގަނޑަށް އެބަ އެނގޭ މި ޑޮލަރު މާރުކުރުމަށް އައި ދަތިތަކާ އެކު، އެތާ އެބަ ތިބި ބްލެކް މާކެޓުން ޑޮލަރު ނަގައިގެން ވިޔަފާރިކުރާ މީހުން. އެތާ އެބަ ތިބި ސަފާރީ ދުއްވައިގެން ޑޮލަރު ހޯދާ މީހުން،" ޔާމީން ވިދާޅުވި އެވެ."އެ މީހުން ތިބީ އެއްގޮތަކަށް ވެސް މުއިއްޒާ އެކީ ގަދަކޮށެއް ނޫން. ވަރަށް ރުޅިއައިސްފައި ތިބީ. އެތާ މިހާރު އެ ހިނގަނީ ވަރަށް ސައިލެންޓުކޮށް ހިނގާ އިންގިލާބެއް. ﷲ މިންވަރުކުރައްވާށި، ވަރަށް ފަސޭހައިން މި ހާލަތު ބަދަލުވެގެންދާ ތަން އަޅުގަނޑުމެން ބަލަން ތިބޭނަން."ޔާމީން އެހެން ވިދާޅުވިއިރު، ޕީއެންސީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް އުޅޭކަމުގެ އަޑުތައް ސޯޝަލްމީޑިއާގައި ވެސް ވަނީ ފެތުރިފަ އެވެ. އެހެންނަމަވެސް، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެ ޕީއެންސީގެ މަޖިލިސް މެންބަރުން ގެންދަވަނީ ރައްދު ދެއްވަމުންނެވެ.ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު 74 މެންބަރުންނަކީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. މީގެކުރިން ވެސް، ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ސަރުކާރާ ފެޔަށް ޖެހެން އުޅޭ ކަމުގެ އަޑުތައް އަރާފައިވެ އެވެ މީގެ ކުރިން ވެސް އެފަދަ އަޑުތަކެއް ފެތުރުމުން ޕީއެންސީގެ ހުރިހާ މެންބަރުންނާއި މިނިސްޓަރުން ވަނީ ރައީސް ޑރ. މުއިއްޒުއާއެކު ގަދަކޮށް ތިބިކަމަށް ވިދާޅުވެ ސޯޝަލްމީޑިއާ ޕޯސްޓުތަކެއް ކުރައްވައިފަ އެވެ.