ޚަބަރު
ޔާމީން މި ފަހަރު ތިލަ ކުރީ މި ސަރުކާރުގެ ކެބިނެޓު އިންގިލާބު ވާހަކަ!
ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ - ފޮޓޯ: ތޭރަ އޮންލައިން
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް މުހައްމަދު މުއިއްޒަށް ކާމިޔާބު ނުކުރެއްވޭނެކަން ޕީއެންސީގެ މެންބަރުންނަށް އެނގޭތީވެ ރައްޔިތުންގެ މަޖިލީހުގެ އިތުރުން، ކެބިނެޓުގައި ވެސް "ހިމޭން އިންގިލާބެއް" ހިނގަމުން އަންނަ ކަމަށް ކުރީގެ ރައީސް އަބްދުއްﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މަޖިލިސް ތެރެއިން "ހިމޭން އިންގިލާބެއް" ކުރިއަށްދާ ކަމަށް ޔާމީން މިފަހުން ވިދާޅުވުމުން، ވެރިކަންކުރާ ޕީއެންސީން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެ ޕާޓީގެ މަޖިލިސް މެމްބަރުން ވަނީ އެކަން ދޮގުކުރައްވައި ވަރަށް ބޮޑަށް ޔާމީނަށް ފާޑުވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވެސް ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދެއްކެވި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވަރަށް ބޮޑަށް ޔާމީނަށް ފާޑުކިޔުން އަމާޒުކުރީ ހިމޭން އިންގިލާބުގެ ވާހަކައާ ގުޅިގެން އެ  "ހޫނުގަނޑުގައި" ކަމަށް، ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.  

"މަޖިލިސް ތެރޭ އެކަނި ނޫން، ކެބިނެޓު ތެރޭގައި ވެސް އެކަން [ހިމޭން އިންގިލާބު] އެބަ ހިނގާ. އެއީ މި މީހުންނަށް އެބަ އެނގޭ މުއިއްޒު ގޮވައިގެން ނުކުމެ 2028 ނުލިބޭނެކަން. މިހާރު ނަގާފައި ހުރި ވޯޓުތަކުން އެބަ ފެނޭކަން،" ޔާމީން ވިދާޅުވި އެވެ.

ކެބިނެޓަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލަކީވެސް ވަޒީރުންތަކެއް ކޮފީ މޭޒެއްގައި ދެއްކެވި ވާހަކަތަކެއް ލީކުވުމާ ގުޅިގެން ގެނައި ބަދަލެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ އިތުރުން އަލުން ޕީއެންސީއަށް ވެރިކަން ހޯދައިދެވޭވަރުގެ މީހަކު ވެސް މިހާރު އެ ޕާޓީގައި ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު 74 މެންބަރުންނަކީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. މީގެކުރިން ވެސް، ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން  ސަރުކާރާ ފެޔަށް ޖެހެން އުޅޭ ކަމުގެ އަޑުތައް އަރާފައިވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު