
ތިނަދޫ ސިޓީގައި މީހުން އަލަށް އާބާދުވިތާ 60 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރަން އެވާހަކަ ދެއްކުން ހުއްޓުވަން ރައްޔިތުންގެ އަނގަ ބަންދުކުރިޔަސް އެ މައްސަލައެއް ހައްލު ނުވާނެ ކަމަށެވެ. "ގައުމީ މަސްލަހަތު އިސްކޮށްގެން، މިކަހަލަ ގައުމީ ބޮޑެތި މައްސަލަތަކާ [ޑޮލަރުގެ މައްސަލަ] ދޭތެރޭގައި ވާހަކަދެއްކުން ހުއްޓުވާލައިގެން، އަނގަބަންދުކޮށްގެންހެއްޔޭ މިކަންކަން ހައްލުކުރަނީ. އެޔެއް ނޫން ދެއްތޯ،" ޔާމީން ވިދާޅުވި އެވެ. "ކަމެއް އިސްލާހުކުރަންޏާ އެ ވާހަކަ ދައްކަން ޖެހޭ. ދެން ﷲ މިންވަރު ނުކުރައްވާށި [މިސާލަކަށް]، ރަށެއްގައި ލެޕްރެސީ ބަލި ޖެހިފައި ތިބި މީހުން ގިނަވެގެން ދިޔައިމާ ޑޮކްޓަރަށް ދައްކާފައި ލެޕްރެސީ، ލެޕްރެސީ ކިޔަންޏާ، ގާނޫނަކުން ލެޕްރެސީގެ ލަފްޒު މާނަ ކުރުމުން އެ މީހުންނަށް ޝިފާއެއް ލިބޭތޯ؟،" ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރާނެ ގޮތް ފިނޭންސް މިނިސްޓަރާއި ގަވަރުނަރު ނުކުމެ ރައްޔިތުންނަށް ކިޔައިދޭނަމަ ރައްޔިތުންނަށް ހަމަޖެހުމެއް އަންނާނެ ކަމަށެވެ. ޑޮލަރު ގަނެވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ޝާއިއުކުރުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފަ އެވެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓު އާންމުކުރީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.އޭގެ އިތުރުން، ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކުރުމާއި އިޝްތިހާރުކުރުމަކީ ވެސް ކުށެކެވެ. މި ކުށުގެ އަދަބަކީ 25،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ބޭރު ފައިސާގެ ގާނޫނުގައި މި ގޮތަށް ހިމަނައި، މީޑިއާގެ އަޑު ކަނޑުވާލަން ފަހިވާ ގޮތަށް ގާނޫނު ބަދަލުކުރަނީ ހަބަރުތަކާ ގުޅިހެން ޑޮލަރު އަގު އުފުލޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނިކޮށެވެ. އެކަމަކު ބޭރު ފައިސާއާ ބެހޭ ބިލު ސަރުކާރުން ހުށަހެޅިއިރު، މި ކަހަލަ އެއްވެސް ބަދަލެއް ގެންނާކަށް ނެތެވެ.ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ހުށަހެޅީ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އުވާލާ، ޖުމްލަ އާމްދަނީގެ 20 ޕަސެންޓުގެ މާރުކުރަން މަޖުބޫރުކުރާ ގޮތަށް ބަދަލުކުރާށެވެ.