އައިމިނަތު ޝިޔާޒާ
05 އޮކްޓޫބަރ 2026 - 21:39
0 comments
އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އައްޔަންކޮށްފި އެވެ.
މިފްކޯގެ ސަބްސިޑަރީ ކުންފުނި، އެގްރޯނެޓްގެ އެމްޑީގެ މަގާމުގައި މީގެކުރިން ހުންނެވީ ހުސެއިންދީދީ އެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.މިފްކޯއިން ބުނީ އެގްރޯނެޓްގެ އެމްޑީގެ މަގާމަށް ސިނާން ހަމަޖައްސާފައިވާއިރު، އެ ކުންފުނީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ މުހައްމަދު އަނަސް ކަމަށެވެ. އަނަސް އަކީ މިފްކޯގެ ސީއީއޯ ވެސް މެ އެވެ.އެގްރޯނެޓްގެ އެމްޑީގެ މަގާމަށް ހަމަޖެއްސި ސިނާން މީގެކުރިން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވި ނަމަވެސް، އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ނުދެއްކުމުގެ ސަބަބުން ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން އޭނާގެ ގޮނޑި ވަނީ ގެއްލިފަ އެވެ.އޭގެ ފަހުން ބޭއްވި އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ސިނާން ޕީއެންސީގެ ޓިކެޓް ހޯދި ނަމަވެސް ފަހުން އޭނާ ވަނީ އެ ބައި އިލެކްޝަންގައި ވާދަނުކުރަން ނިންމާފަ އެވެ. އެ ދާއިރާގެ ބައި އިލެކްޝަން ފަހުން ކާމިޔާބުކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އެވެ.އެގްރޯނެޓަކީ ސަރުކާރުން ދަނޑުވެރިކަމުގެ ވިޔަފާރިކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނި އުވާލަން ވެސް ކުރިން މި ސަރުކާރުން ނިންމި އެވެ.