ހުނައިދާ ޔާސިރު
24 އޮކްޓޫބަރ 2026 - 15:33
0 comments
ހުޅުމާލެ ސަހަރާގައި ފެންބޮޑުވެފައިވާތީ، އެ ތަނުގައި މީހުން ވަޅުލުން މެދުކަނޑާލައިފި އެވެ. 
މާލޭ އާސަހަރާގެ ކަންކަން ބަލަހައްޓަމުން އަންނަ މާލެ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި އަށް އިންޗި އާއި ނުވަ އިންޗިއާ ދެމެދު ފެން އޮތުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށެވެ.އެހެންކަމުން މައްޔިތުން ވަޅުލުން މާލޭ ސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.ހުޅުމާލެ ސަހަރާގައި ފެންބޮޑުވެފައިވާއިރު، ވާތުވެދިޔަ ދެތިން ދުވަހު ގަދަ ވިއްސާރައިގެ ސަބަބުން މާލެ ސަރަހައްދުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނީ މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. ގޯތި ގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރަން އެ އޮތޯރިޓީން ވަނީ އިރުޝާދުތަކެއް ވެސް ދީފަ އެވެ.
- ވާރޭވެހި ފެންބޮޑުވެދާނެކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެ ގޮތަށް ވެލިބަސްތާ ފަދަ ތަކެތި ޖެހުން
- ފެން ބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެން ގުޅޭ ތަކެތި (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލުކުރުން
- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭ ނަމަ ދުރާލައި، ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރިކުރުން
- ބޭނުން ނުކުރާނަމަ، ކަރަންޓުން ބޭނުން ކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
- ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން ހޯދުން އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީން ކުރުން
- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުން.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.