
މެޓް އޮފީހުން އާންމުކޮށްފައިވާ 24 ގަޑިއިރުގެ ރެކޯޑްތަކުގައިވާ ގޮތުން، ގެމަނަފުއްޓަށް އިއްޔެ 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މެޓުގެ ރެކޯޑުތައް ދައްކަނީ، މާލެއަށެވެ. މިގޮތުން، 90 މިލިމީޓަރުގެ ވާރޭ މިދިޔަ 24 ގަޑިއިރުތެރޭ އެ ސަރަހައްދަށް ވެހުނުއިރު، ހުޅުމާލެއަށް 60 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.މިއަދު 18:00އާ ހަމައަށް މެޓުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އެކަށީގެންވެއެވެ. ވައި ޖެހޭނީ، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވާއިރު، ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.އެއާއެކު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. މިގޮތުން، ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގަ އެވެ.މެޓުން ވަނީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.