ވިޔަފާރި
އަންނަ އަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިންގެ އަމާޒެއް ކަނޑައަޅައިފި
ރާއްޖޭގައި ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މިދިޔަ މާޗު މަހު ހުޅުމާލޭގައި. - ފޮޓޯ: ދައުރު
އަންނަ އަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިންގެ އަމާޒެއް ކަނޑައަޅައިފި އެވެ.

"މި މަގުސަދު ހާސިލުކުރުމަށްޓަކައި، 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ" ގޮތުގައި ވަނީ ކަނޑައަޅާފައި. އެގޮތުން، އަންނަ އަހަރު ރާއްޖެއަށް ގާތްގަނޑަކަށް 2.28 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، ވިޒިޓް މޯލްޑިވްސް އިޔާގެ ހަރަކާތްތައް މެދުވެރިކޮށް، އިތުރު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނެވި، ޖުމްލަ 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ވަނީ ރޭވިފައި،" 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިންގެ ގަދަ 10 ގައުމު

  • ޗައިނާ - 329,345 ފަތުރުވެރިން
  • ރަޝިއާ - 253,217 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 134,487 ފަތުރުވެރިން
  • ޖަރުމަނު - 117,809 ފަތުރުވެރިން
  • އިޓަލީ - 104,664 ފަތުރުވެރިން
  • އިންޑިއާ - 101,562 ފަތުރުވެރިން
  • އޮސްޓްރޭލިއާ - 41,528 ފަތުރުވެރިން
  • ފްރާންސް - 41,065 ފަތުރުވެރިން
  • އެމެރިކާ - 41,047 ފަތުރުވެރިން
  • ސްޕެއިން - 36,390 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީން މިހާރު ފަތުރުވެރިންގެ ތަފާސްހިސާބު ހާމަކުރަނީ ބިޒްނަސް އެރައިވަލްސް ހިމެނޭ ގޮތަށެވެ.

އެ ގޮތުން މި އަހަރުގެ މިހާތަނަށް ފަތުރުވެރިން އަދި ބިޒްނަސް އެރައިވަލްސް ހިމެނޭ ގޮތަށް 1,775,974 ދަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 1,744,930 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 1,292,053 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައ 377,525 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 39,112 ފަތުރުވެރިން އަދި ސަފާރީތަކުގައި 33,376 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 2,864 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

2.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވެވޭނީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތް ގުޅިގެން ކުރާ މަސައްކަތުންކަން ފާހަގަކުރައްވާ މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ އެގޮތުން ފަތުރުވެރިކަމާއިބެހޭ ވުޒާރާއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުން ވަރުގަދަކޮށް، ފަތުރުވެރިކަމުގެ އޮފް-ޕީކް ސީޒަންގައިވެސް ގިނަ ފަތުރުވެރިން ގެނައުމަށާއި، ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު