
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް މަޖިލީހުގައި ބަހުސްކުރައްވަމުން ގަފޫރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔައިރު މަޖިލީހުން ފާސްކޮށްދީފައި ވަނީ ޖުމުލަ 182 ބިލިއަން ރުފިޔާ ކަމަށް ގަފޫރު ވިދާޅުވި އެވެ. ނަމަވެސް، މި ވެރިކަމުގެ ފުރަތަމަ ތިން އަހަރުދުވަހުގެ ބަޖެޓުގެ ގޮތުގައި 290 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.ގަފޫރު ވިދާޅުވީ މި އަހަރަށް ކަނޑައެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވެގެންދާއިރު ރައްޔިތަކަށް އެއްވެސް ކަމެއް ނުވާ ކަމަށެވެ. އޭގެ ސަބަބަކީ ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން ހިންގަމުން ގެންދިޔުން ކަމަށާއި ދައުލަތުގެ ބަޖެޓުގެ 30 ޕަސެންޓު ހުސްވެގެން ދަނީ ވައްކަމުގެ ތެރެއިން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ."ހަނިމާދޫގެ މަގުހަދަން ރައީސް ވައުދުވީ 2023 ވަނަ އަހަރު، ހަނިމާދޫ އެއާޕޯޓުގައި 70 މީޓަރު އިތުރަށް ރަންވޭ އިތުރުކޮށްދޭން ބުނި، އެކަމެއް ނުވޭ އަދިވެސް ހަނިމާދޫގައި ހޮސްޕިޓަލެއް އަޅައިދޭން ބުނި އެކަމެއް ވެސް ނުވޭ އިއްޒަތްތެރި ރައީސް ހަނިމާދޫގައި ޕޮލިސް ސްޓޭޝަންއެއް އަޅައިދޭން ސަރުކާރުން ބުނި އެހެންނަމަވެސް ތަނބު ޖެހުން ފިޔަވާ އިތުރު ކަމެއް ހިނގާފަކައި ނެތް އޭގެ އިތުރަށް ވެސް ވަރަށް ބައިވަރު ކަންކަން ހަނިމާދޫގައި ކޮށްދޭން ސަރުކާރުން ބުނި އެއްވެސް ކަމެއް ހިނގާފަކައި ނެތް އިއްޒަތްތެރި ރައީސް " އަބްދުލްގަފޫރު ވިދާޅުވި އެވެ.އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަންޖެހޭ ކަމަށް ގާނޫނުގައި އޮތް ނަމަވެސް، އެކަން ހާސިލުކުރެވޭ ތަން ނުފެންނަ ކަމަށް ޣަފޫރު ވިދާޅުވި އެވެ.ދިވެހި ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި ރައްޔިތުންގެ އެ ހާލަތު ބަދަލުކުރަން އެންމެން ވެސް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.