ދުނިޔެ
އީރާންގައި ކޮވިޑް 19 ޖެހުނު ޕާލިމެންޓް މެމްބަރު އަވަހާރަވެއްޖެ
އީރާންގައި ކޮވިޑް-19 ޖެހިގެން އަވަހާރަވި މެމްބަރު ފާތިމާ ރަބާ
އީރާންގައި ކޮވިޑް 19 ޖެހުނު ޕާލިމެންޓް މެމްބަރު އަވަހާރަވެއްޖެކަމަށް އެގައުމުން ހާމަކޮށްފިއެވެ. އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ މަޖިލިސް މެމްބަރު ފާތިމާ ރަބާ އަވަހާރަވީ ތެހެރާން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާއަކީ ކޮވިޑް-19 ޖެހިގެން އަވަހާރަވި ދެވަނަ އެމްޕީ ކަމަށެވެ. އުމުރުން 56 އަހަރުގެ އެމްޕީ ރަބާ 2004އިން 2016އަށް ޕާލިމެންޓު މެމްބަރުކަން ކުރައްވާފައިވާ އިރު، އޭނާ ވަނީ މިދިޔަ މަހު ބޭއްވި އާއްމު އިންތިޚާބުގައިވެސް ގޮނޑިއެއް ކާމިޔާބު ކުރައްވާފައެވެ. އީރާނުގެ ޕާލިމެންޓު މެމްބަރުންގެ އިތުރުން ކޮވިޑް-19 ޖެހިފައިވާ ސަރުކާރުގެ އިސް ބޭފުޅުންގެ ތެރޭގައި އެގައުމުގެ ވިމެން އެންޑް ފެމިލީ އެފެއަރޒްގެ ނައިބު ރައީސާއި ގައުމުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރުވެސް ހިމެނެއެވެ. ކޮވިޑް-19 ޖެހިގެން އެގައުމުގެ އެމްޕީ މުހައްމަދު އަލީ ރަމަޒާނީ ވަނީ މިދިޔަ ހަފްތާގައި އަވަހާރަވެފައެވެ. އެގައުމުގެ ޕާލިމެންޓުގެ 290 މެމްބަރުންގެ ތެރެއިން 23 މެމްބަރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އީރާނުގައި މިހާތަނަށް 5،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 145 މީހަކު ވަނީ މަރުވެފައެވެ. މުޅި ދުނިޔޭގައި މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 106،000އަށް ވުރެ އިތުރުވެ، މަރުވި މީހުންގެ އަދަދު ވަނީ 3،600އަށް އަރާފައެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު